ރާއްޖޭގެ ޚަބަރު

އަނބިމީހާއަށްޓަކައި ލޯބީގައި ފިޔަތިރިކުރާނެ ގޮތް!

ލިޔުއްވީ: ޑރ.ޞަލާޙުއްދީން ސުލްޠާން

މިއީ ކޮންމެ ފިރިއަކަށް އަޅުގަނޑު އަރިސްކުރާ ސިޓީއެކެވެ. މިސިޓީގައި އަޅުގަނޑު ހިމަނައިލާނީ ޒަވާޖީ ލޯތްބާ ހަމައަށް ގެން ގޮސްދޭނެ ނުކުތާތަކެކެވެ. އެއީ ކާވެނީގެ ލަނޑުދަނޑިތައް ކަވިގޮތެއްގައި ރަނގަޅަށް ދިރާސާކުރުމަށްފަހު ކަނޑައަޅާ އުޞޫލުތަކެކެވެ. ބޭނުމަކީ ހިތުގެ ލޯތްބާއި، އެކަކު އަނެކަކު ރަނގަޅަށް ދަނެގަނެވުމާއި، ޖިސްމާނީ އަރާމު ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ މަގު ބަޔާންކުރުމެވެ. އެއީ ދެމަފިރިންގެ ދިރިއުޅުން އުފައުވެރިކުރުމަށް އޮތް ތިން ތަޅުދަނޑިއެވެ. އަޅުގަނޑު އެތަޅުދަނޑިތައް ހިމަނައިލާނީ ތަރުތީބުންނެވެ. މިތިން އަސާސުގެ ތެރެއިން އަސާސެއްނެތި ޒަވާޖީ ޙަޔާތެއް ކާމިޔާބު ނުކުރެވޭނެއެވެ.

ތިބާގެ ހިތުގައި އަނބިމީހާއަށްޓަކައިވާ ލޯބީގެ ތަޅުދަނޑިތައް

1-ތިބާއާ މާތްﷲގެ މެދުގައިވާ ގުޅުންތައް އިޞްލާޙުކުރާށެވެ. ރަސޫލުﷲގެފާނުގެ ޙަދީސެއްގައިވެއެވެ. (القلوب بين أُصبعين من أصابعِ اللَّهِ، يُقلِّبُهَا كيف يشاء)(1) މާނައީ؛ " ހިތްތައް ވަނީ މާތްﷲގެ އިނގިލިކޮޅުތަކުގެ ތެރެއިން ދެއިނގިލުކޮޅުގެ މެދުގައެވެ. އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ހިތްތައް އެފުށްމިފުށަށް ޖައްސަވައެވެ." އަދި ހިތްތައް ލޯތްބާއި އުލްފަތުގެ މަތީގައި އެއްކުރައްވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި މާތްﷲއަށެވެ. މާތްﷲއާ ކުއްތަންވީ މިންވަރަކަށް ދެމަފިރިންގެ ދެމެދުގައިވާ ލޯބި އެކަލާނގެ އިތުރުކޮށްދެއްވާނެއެވެ. މާތްﷲ ވަޙީކުރައްވައެވެ. فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ (އަންބިޔާއު 90) މާނައީ: ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.

2- ރުހޭ ޙާލަތާއި ނުރުހޭ ޙާލަތުގައިވެސް ޢަދުލުވެރިވުމެވެ. ޢަދުލުވެރިވުމަށްފަހު އިޙުސާންތެރިވުމެވެ. ހެޔޮ ހިތުން އިތުރުކޮށްދިނުމެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ރަނގަޅު ޞިފަތަކާއި ނުރަނގަޅު ޞިފަތައް ހުންނާނެއެވެ. ތިބާގެ އަނބިމީހާގެ ހެޔޮކަންކަމާމެދު ވިސްނައިފިނަމަ، ހިތުގެ އަޑިން ލޯބިކުރަން ޖެހޭ ކިތަންމެ ސަބަބެއް ފެންނާނެއެވެ.

ހިތުގެ އަޑިން ހިނިތުންވާށެވެ.

3- ތިބާގެ ހިތުގެ އެންމެ ފުނުން ހިނިތުންވާށެވެ. އިޚުލާޞްތެރިކަމާއި ލޯތްބާއެކު ވާހަކަ ދައްކާށެވެ. މަޑުމައިތިރިކަމާއި ކުލުނާ އެކުގައެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ. ހެޔޮ ބަހަކީވެސް ޞަދަޤާތެއްމެއެވެ. މާތްﷲގެ ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. فَإِنَّ الرِّفْق لَمْ يَكُنْ فِي شَيْءٍ قَطُّ إلا زَانَهُ، وَلا نُزِعَ مِنْ شَيْءٍ إلا شَانَهُ(2) މާނައީ: އެކަމެއް ޒީނަތްތެރިނުކުރާ ކަމެއްގައި މަޑުމޮޅިކަން ނުވެއެވެ. އަދި މަޑުމޮޅިކަން ކަމަކުން އުނިވެއްޖެނަމަ، އެކަމެއްގެ ބަރަކާތް ކެޑެއެވެ.

4- ކޮންމެ ދުވަހަކުވެސް ތިބާގެ މަސައްކަތުގެ ވާހަކަ އަނބިމީހާ ގާތު ދައްކާށެވެ. މަދުވެގެން ދެފަހަރުއެވެ. އަދި އޭނާގެ ވާހަކަތަކުން ސުވާލުކުރާށެވެ. ބިލްތަކާއި ކެއުމާއި ދަރިންގެ ވާހަކައެއްނޫނެވެ. ހަމަ އޭނާގެ ވާހަކައެވެ. އެއީ ތިބާގެ ސިކުނޑީގައި ދާއިމަށް އޭނާގެ ޚިޔާލުވާކަން އިޙުސާސްކޮށްދިނުމަށެވެ.

5- ތިބާއަށް ގެއަށް ނާދެވި ލަސްވާނަމަ، ނުވަތަ ދެމީހުންކުރެ މީހަކަށް ދަތުރެއްގައި ދާންޖެހިއްޖެނަމަ، ތިބާ އޭނާ މަތިން ހަނދާންވާކަން އިޙުސާސްކޮށްދޭށެވެ.
ސަލާމް ފަތުރާށެވެ!

6- ތިބާގެ އަނބިމީހާއަށް ހޭލާ ވަގުތުގައާއި ގެއަށް ވަންނަ ވުގުތުގައާއި ނުކުންނަ ވަގުތުގައި ހިނިތުންވުމާއެކު، ސަލާމްކުރުމަކީ މުހިއްމުކަމެކެވެ. އަދި ގާތްކޮށްލާ، އޭނާގެ ހެޔޮކަމަށް އިޢުތިރާފުވުމުގެ ގޮތުން، ބޮލަށާއި ކޮލަށާއި އަތަށް ބޮސް ދިނުމަކީވެސް މުހިއްމުކަމެކެވެ. އެއީ އޭނާގެ މަޤާމް މާތްކޮށް ހިތުމަށެވެ. އެއީ އިމާމް މާލިކު މުވައްޠައުގައި ރިވާކުރައްވާފައިވާ ފަދައިންނެވެ. أن عائشة ابنة طلحة كانت عند عائشة رضي الله عنها زوجِ النبي صلى الله عليه وسلم فدخل عليها زوجُها هنالك وهو عبدُ الله بنُ عبد الرحمن بنِ أبي بكر رضي الله عنه، فقالت له عائشة: (ما يمنعك أن تَدْنُوَ إلى أهلك تقبّلها وتلاعبها؟ قال: أقبّلها وأنا صائم؟! قالت : نعم) މާނައީ؛ ޢާއިޝާ ބިންތި ޠަލްޙާ، ރަސޫލުﷲގެ އަނބިކަބަލުން އަދި މުއުމިނުންގެ މައިކަމަނާ ޢާއިޝަތުގެފާނުގެ އަރިހުގައި ވަނިކޮށް، ޢައިޝާ ބިންތި ޠަލްޙާގެ ފިރިކަލުން ޢަބްދުﷲބިން ޢަބްދުއްރަޙުމާނުބިން އަބީބަކުރި އެތަނަށް ވަޑައިގަތެވެ. އެހިނދު މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުން އުންމުލް މުއުމިނީން ވިދާޅުވިއެވެ. ތިބާގެ އަހުލުވެރިންނަށް ބޮސްދީ ސަމާސާކޮށްލުން މަނާކުޅައީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު ޢަބްދުﷲ ދެންނެވިއެވެ. އަޅުގަނޑު ރޯދައަށް ހުރި ޙާލުގައިވެސް އެކަމަނާއަށް ބޮސްދޭންވީތޯއެވެ؟ ޖަވާބުގައި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އާއެކެވެ.

7- ހަތަރުކަޅި ހަމަކޮށް ތިބާގެ އަނބިމީހާއަށް ގިނަގިނައިން ބަލާށެވެ. އެއިރުން ތިބާދެކެ އޭނާ ލޯބިވާކަމާއި ތިބާގެ ހިތުގައި އޭނާއަށްޓަކައި ލޯބި އޮތްކަން އެގޭނެއެވެ. ޢަރަބިންގެ ބަހެއްގައި އޮވެއެވެ. (ليس راءٍ كمن سمع)މާނައީ: އެއްޗެއް އަޑު އިވޭ މީހާ ތަނެއް ފެންނަ މީހާ ފަދައަކުން ނުވެއެވެ. ލޮލުގެ ބެލުމުގައި އިމެއްނެތް ލޯބީގެ ސިޙުރު އެކުލެވިގެންވެއެވެ.

________________________________________________
(1) (مشكاة المصابيح، كتاب الإيمان، باب الإيمان بالقدر، الفصل الثاني، 1/303)
(2) (صحيح ابن حبان، باب الرفق، ذكر البياتن بان الرفق مما يزين الأشياء ....، 1/273).
(3) موطأ الإمام مالك – أبواب الصيام – باب القبلة للصائم.
މަޞްދަރު: ޑރ.ޞަލާޙު ސުލްޠާނުގެ ސައިޓު

ގުޅުންހުރި

3 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް …. އަދިވެސް މިފަދަ ލިޔުންތަށް ބޭނުން…

  2. thaakunthaaku jehey liyumeh noon meekee

  3. ވަރަށް ސަޅި

Your email address will not be published. Required fields are marked *