ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ "ދަ ލެގަސީ" ސިލްސިލާގެ ތެރެއިން، އާއިލާތަކަށް ޚާއްސަ "ފެމިލީ ޑިނަރ ނައިޓް" އެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ ހަށިގަނޑާއި ރޫހަށް ބޭނުންވާ ފައިދާހުރި ކަންތައްތަކެއް އެއްކޮށްލައިގެން ކުރިއަށްގެންދާ ޚާއްސަ ހަވީރެކެވެ.
މި ޑިނަރ ނައިޓްގައި މައިގަނޑު ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާނީ ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ނަވައިދު އަޒީޒް އެވެ. މި ހަފްލާގެ ތެރެއިން ޝައިޚްގެ ފުންނާބު އުސް އިލްމީ ވާހަކަފުޅުތަކާއި، ބައިވެރިންނަށް ސުވާލާއި ޖަވާބު ކުރިއަށް ގެންދެވޭނެ ފޯރަމެއްވެސް އޮންނާނެއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2026 ވާ ދުވަހުގެ ރޭގަނޑު 20:30 ގައެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ލޮނުޒިޔާރަތް ޕާކުގައެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މި ޑިނަރ ނައިޓްގައި ބައިވެރިންނަށް ފޯރުކޮށްދޭނީ ރާއްޖޭގެ މަޝްހޫރު ކޭޓަރިންގް ޚިދުމަތްދޭ ކުންފުނި، ބުރުޒު ކޭޓަރިންގްގެ ފެންވަރު ރަނގަޅު ކެއުމެކެވެ. މިއީ އާއިލީ ގުޅުން ބަދަހިކުރުމަށާއި، މުޖުތަމައުގެ ތެރޭގައި ދީނީ އަދި އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ޕީސް ފައުންޑޭޝަނުން ބުނިގޮތުގައި، މި ހަރަކާތުގެ މަގްސަދަކީ ހިތްގައިމު މާހައުލެއްގައި އާއިލާތައް އެއްކޮށްލައި، އިލްމީ އަދި ރޫހާނީ ގޮތުން ފައިދާހުރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

















ޚިޔާލު