ރާއްޖޭގެ ޚަބަރު

ރަމަޟާން މަހުން ފެށިގެން އަވަސް އެޕުން ޒަކާތް ދެއްކޭނެ

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރުގެ ރަމަޟާން މަހުން ފެށިގެން އަވަސް އެޕް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެއެވެ. އެކަމުގެ މަޤްޞަދަކީ، ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރު ކުރުން ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި، މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ އެ އިދާރާގެ ބޮޑު އަމާޒެކެވެ.

ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު މި ފަހުމުނާމާއިން ރަމްޒުކޮށްދެއެވެ. ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ހައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމްކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *