ހުކުރު ޚުޠުބާ ލިޔާނެ މައުޟޫޢުތަކާއި މެދު އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މިއީ މުޖުތަމައުއަށް ބޭނުންތެރި އަދި ގުޅުންހުރި މައުޟޫޢުތަކަށް ޚުޠުބާ ބިނާކުރުމަށް އެ ވުޒާރާއިން ފެށި މަސައްކަތެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހުކުރު ޚުޠުބާ ލިޔާނެ މައުޟޫޢުތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް މީސްމީޑިއާގައި މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން، އެ ވުޒާރާގެ މީސްމީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުގެ ތިރީގައި، ޚުޠުބާ ލިޔަން އާންމުންނަށް ފެންނަ މައުޟޫޢުތައް ކޮމެންޓުގެ ގޮތުގައި ހިއްސާކުރުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
މި މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް 600 އަށްވުރެ ގިނަ ޚިޔާލު ވަނީ ލިބިފައެވެ. އާންމުން ހުށަހަޅާފައިވާ މައުޟޫޢުތަކުގެ ތެރޭގައި އިޖްތިމާޢީ އެކި މައްސަލަތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މައުޟޫޢުތަކުގެ އިތުރުން ޒުވާނުންނަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ މުހިންމު ކަންތައްތައް ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އާންމުން ހުށަހަޅާ މައުޟޫޢުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދާ އަދި މުހިންމު ކަމަށް ފެންނަ މައުޟޫޢުތައް އިޚްތިޔާރު ކުރުމުގައި އެހީތެރިވެދިނުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ކިޔާ ހުކުރު ޚުޠުބާއަކީ އާންމުކޮށް އެއިރެއްގައި މުޖުތަމައުގައި ހިނގާ މުހިންމު ކަންކަމާއި، އިޖްތިމާޢީ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތައްޔާރުކުރާ އެއްޗެކެވެ. މި އާ ފުރުޞަތުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާ އަދި އުނގެނެން ބޭނުންވާ ދާއިރާތަކުން ޚުޠުބާ ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

















ޚިޔާލު