ރާއްޖޭގެ ޚަބަރު

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީ އެއާލައިނުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ.

މި ދަތުރުފުޅުގައި ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާ އާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޙައްޖުގެ ޚިދުމަތާއި ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ސަޢުދީ އެއާލައިންގެ އިސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ސަޢުދީ އެއާލައިންގެ ފަރާތުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ އެއާލައިންގެ އިސްވެރިންނަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ ޙައްޖު މޫސުމެއްގައިވެސް ދިވެހި ޙައްޖުވެރިން އުފުލުމުގައި ސަޢުދީ އެއާލައިނުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ދިވެހި ސަރުކާރުން ވަޒަންކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުން ވެސް ބައިވެރިވެލެއްވިއެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ޚާއްސަކޮށް ދީނީ ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަހިކުރުން ކަމަށް ބެލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *