ރާއްޖޭގެ ޚަބަރު

ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އަބަދުވެސް ވަރުގަދަކަމާއެކު ދެމިއޮންނާނެ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ސަޢުދީ ޢަރަބިއްޔާއާއެކު ދިވެހިރާއްޖެއާ ދެމެދު އޮންނަ އަޚުވަންތަ ގުޅުން އަބަދުވެސް ވަރުގަދަކަމާއެކު ދެމިއޮންނާނެކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތަކަށް ވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ. ޚާއްޞަކޮށް، ދިވެހި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން އަބަދު ވެސް ދެއްވާ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވުމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށެވެ.

ވަޒީރު ޝަހީމް ވަނީ، ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މިފަދަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ސަޢުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *