ނަމާދު ފަރުޟު ކުރައްވާފައިވަނީ އަމާން ޙާލަތުގައިވެސް އަދި ބިރުވެރިކަމުގެ ޙަލަތުގައިވެސް ދޫކޮށްނުލެވޭނެ އަޅުކަމެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ހުކުރު ޚުޠުބާގައި ބުނެފައިވަނީ الله سُبْحَانَهُ وَتَعَالَى އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދުކަމަށެވެ. އަދި ނަމާދަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއްގެ ގޮތުގައިކަމަށެވެ.
އެ ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަން ކަމަށާއި ތަޤުވާވެރީންގެ މިޢުރާޖު ކަމަށެވެ. މީގެއިތުރުން ޚުޠުބާގައި ބުނީ ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމަށާއި އެއީ ދީނުގެ ތަނބުކަމަށެވެ. އަދި ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
الله سُبْحَانَهُ وَتَعَالَى ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައި ކަމަށާއި އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ހަތް އުޑުގެ ވެސް މަތިކަމަށާއި، ނަމާދު ފަރުޟުކުރެވުނީ އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
“ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެ، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެ، ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެ، ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭ، އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ (اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ)މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެ، ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެ، އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެ””
ހުކުރު ޚުތުބާ
الله سُبْحَانَهُ وَتَعَالَىވަނީ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައިވާ ކަމަށާއި، ހަމަ އެ ފަދައިން އަހަރެމެންގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވެސް ވަނީ އެކަމަށް ބާރުއަޅުއްވައިފައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ނަމާދުއަޅާ މީހުންނަށް الله سُبْحَانَهُ وَتَعَالَى ވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވައިފައި ކަމަށާއި، ޝަރުޢީ އެއްވެސް އުޛުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކުރުމަކީ ނަމާދުއެޅުމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
“އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އެ ބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭ، މިއީ އަހަރެމެން އެ ކަމަކާ މެދު ނުހަނު ސަމާލުކަންދީ ރައްކައުތެރިވާންޖެހޭނޭ ކަމެއް” ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
މީގެއިތުން ޚުތުބާގައި އިތުރަށް ބުނެފައިވަނީ الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށެވެ. އަދި ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަން ކަމަށާއި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚިޔާލު