ދިވެހިރާއްޖޭގެ އިސްލާމީ އެއްބައިވަތަކަން ގުޅިފައިވަނީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއާކަމަށާއި ސުންނީ ޢަޤީދާއާ ޚިލާފަށް އެކި ފިރުޤާތަކުގެ ޢަޤީދާ ފަތުރައި ޕްރޮމޯޓްކޮށް ވާހަކަ ދައްކާ ފަރާތްތަކުން މިކަން ހުއްޓައިލަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ.ޝަހީމް ވިދާޅުވި ގޮތުގައި، މާތް ރަސޫލާ محمد صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަކީ، އެކަލޭގެފާނަށް އީމާންވި މިއުންމަތުގެ އެންމެ މާތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ސަނާއާއި މަދަހައިގެ ބަސްފުޅުތައް އެތައް މަޤާމެއްގައި ޤުރުއާނުގައި އައިސްފައިވެއެވެ. ހަމަ އެފަދައިން ކީރިތި މާތް ނަބިއްޔާގެ ޠާހިރު އާލު ބައިތުންނާ ބެހޭ ގޮތުން ވެސް ކީރިތި ޤުރުއާނުގައި ހެޔޮ ބަސްފުޅުތައް ވަޙީކުރައްވާފައިވަ ކަމަށާއި، އަޞްޙާބު ބޭކަލުންނާއި އާލުބައިތުން ދެކެ ލޯބިވުމަކީ ސުންނަތް ޖަމާޢަތުގެ މަންހަޖުކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދައުލަތުގެ ދީނީ މަންހަޖަކީ ސުންނަތް ޖަމާޢަތުގެ މަންހަޖު ކަމަށާއި، މިމަންހަޖާ ޚިލާފުނުވެ، ބިދުޢަތަކާއި ޚުރާފާތްތަކުން އެއްކިބާވެ، ބައިބައިވުމާއި ފިތުނަތަކާ ދުރުވުމަށް ވެސް މިނިސްޓަރ ޝަހީމް އިލްތިމާސް ކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އިޒްރޭލާއި އީރާނާ ދެމެދު އެންމެ ފަހުން ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން، އީރާނުގައި ފެތުރިފައިވާ ޝިޔަޢީ މަންހަޖުގެ ޢަޤީދާއާ ބެހޭ ބައެއް ވާހަކަތައް މީސް މީޑިއާގައި ދައުރުވެފައިވެއެވެ.

















ޚިޔާލު