ކީ ސްޓޭޖް 4 ގައި ކިޔަވާ ދަރިވަރުން ކީރިތި ޤުރުއާން މާއްދާއިން އިމްތިހާން ކުރުމާއި ގުޅޭ ސަރކިޔުލަރގައި ކީ-ސްޓޭޖް 4 ގެ މުޤައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކަނޑައަޅާފައިވާ އިމްތިހާން ކުރުމުގެ އުސޫލަށް އަމަލުކުރުމަށް ފަސްކުރުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުން 62 މެމްބަރުންގެ ވޯޓުން ފާސްކޮށްފި އެވެ.
މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންނަށް ތައްޔާރުވުމަށް ވަގުތު ނުލިބި ޤުރުއާން މާއްދާއިން އެސް.އެސް.ސީ އިމްތިހާން ދިނުމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ހަދާފައިވާ ޕެޓިޝަނެއް 318 ބެލެނިވެރިއަކު ސޮއިކޮށް ވަނީ ޕެޓިޝަން ކޮމިޓީންއަށް ހުށައަޅާފައެވެ. ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުން އެގޮތަށް ވަނީ ފާސްކޮށްފައެވެ.
މިޕެޓިޝަނަކީ މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހަށް ބެލެނިވެރިންތަކެއް ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަން ސްޕޮންސަރ ކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާޢީއެވެ.
މި ޕެޓިޝަން ދިރާސާކުރި ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ މި ޕެޓިޝަން ދިރާސާކުރުމަށް ފެށުމާއެކު މިމައްސަލައާ ގުޅޭގޮތުން 17 ފެބްރުއަރީ ގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
މިމައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު ފާހަގަކުރެވުނު 10 ކަމެއް ވަނީ ރިޕޯޓުގައި ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ސްޓްރީމްތައް ކަނޑައެޅިއިރު ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މާއްދާ ހިމަނާފައިނުވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ގުރުއާން މާއްދާ މަޖުބޫރުކުރުމަށް ކުއްލިގޮތަކަށް ނިންމާފައިވާއިރު ދަރިވަރުންނާއި ޓީޗަރުން ތަމްރީން ކޮށްފައިނުވާ ކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ދަރިވަރުން މިފަދަ އިމްތިހާނަކަށް އަހުލުވެރި ވެފައިނުވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

















advertisment
ޚިޔާލު