މި އަހަރު ރާއްޖެ އިން ހައްޖަގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންގެ އިސް ބޭފުޅެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަޑައިގަންނަވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރާގޮތުގައި މިނިސްޓަރު ޖިހާދު ސައުދީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ފުރަތަމަ ދިނީ 1000 މީހުންގެ ހައްޖު ކޯޓާއެކެވެ. މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ސައުދީ ސަރުކާރުގެ އެދުމުގެ މަތިން އެކޯޓާ 800 މީހުންނަށް މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމި އެވެ.
މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ކޯޓާ މަދުކުރުމަށް ސައުދީ ސަރުކާރުން ނިންމުމާގުޅިގެން މި އަހަރު 800 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވެއެވެ. އެ އެންމެން ވެސް މިހާރު ވަނީ ހައްޖުގެ އަޅުކަމަށް ފުރައިފަ އެވެ.
އަމީރުލް ހައްޖުގެ ގޮތުގައި މިދިޔަ އަހަރު ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.
ޚިޔާލު