"ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި ޒުވާން ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފަށަން ނިންމައިފި އެވެ.
އެ އިންސްޓިޓިއުޓް އިން މައުލޫމާތު ދެއްވާ ގޮތުގައި އެ ޕްރޮގްރާމަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ފަށާ މަޝްރޫޢެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ޕްރޮޖެކްޓްގެ ހެޑަކީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ޕްރޮގްރާމާއި ބެހޭ ގޮގޮތުން މައުލޫމާތު ދެއްވަމުން، އިލްމް އިންސްޓިޓިއުޓްގެ އޮފިޝަލަކު ވިދާޅުވީ، މި މަޝްރޫއުގައި ތަޖުވީދުގެ ހަމަތަކުން ރީތި ރާގުތަކަށް ހުނަރުވެރިކަމާއެކު ކިޔަވަން ދަސްކޮށްދޭނެ ކަމަށެވެ. އަދި މިޞްރު، ޖޯޑަން، ކުވައިތު، ސަޢުދީ ޢަރަބިއްޔާ، މެލޭޝިޔާ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މޮރޮކޯ ފަދަ ޤައުމުތަކުގެ ތަޖުރިބާކާރު އުސްތާޛުން އެކި މަރުޙަލާތަކުގައި މި މަޝްރޫޢުގެ ދަރިވަރުންނާ ބައްދަލުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޙާފިޒުންނާއި މޮޅު ޤާރީންގެ ހުނަރުވެރިކަން ޙިއްސާކުރެވޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އަދި އެގޮތުން ހާފިޒް ޕްރޮގްރާމުގައި ދެ ޖިންސުގެ ހުރިހާ ޒުވާނުންނަށްވެސް ބައިވެރިވެވޭނެ ކަމަށާއި ނަމަވެސް ކުލާސްތައް ކުރިއަށްދާނީ ވަކިން ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ. މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިއަށް ދާނީ ހަފްތާ ބަންދުތަކުގައެވެ.
މި މަޝްރޫއު ޙާއްސަ އިސްކަމެއް ދެވިގެންދާނެ ބައެއް ކަންކަމުގެ ތެރޭގައި:
- ރީތި ރާގަށް ޤުރުޢާން ކިޔަވަން ދަސްކުރުން.
- ތަޖްވީދުމަގަށް ކިޔަވަން ދަސްކުރުން.
- އަންހެން ކުދިންނަށް އަންހެން ހިތުދަސް މުދައްރިސުން.
- ފިރިހެން ކުދިންނަށް ފިރިހެން ހިތުދަސް މުދައްރިސުން.
- ކުލާހެއްގައި ތިބޭނީ 15 ކުދިން
މީގެ އިތުރުން "ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު" ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އިލްމް އިންސްޓިޓިއުޓްގެ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

















advertisment
ޚިޔާލު