ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ހަމަޖެއްސި ހަމަޖެއްސުން އިސްލާމިކް މިނިސްޓްރީން މިއަދު އުވާލައިފި އެވެ.
ގައިދުރުކޮށް ތިބި މިސްކިތްތަކުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހުގެ އެއްވަނަ ދުވަހު އެންގީ އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.
މަހެއްހާ ދުވަހަށް ފަހު، އެ ނިންމުމަށް ބަދަލު ގެނެސްފައި ވާތީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދު ކުރިޔަސް އެންމެ ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.
ގައިދުރުކަމެއް ނެތި މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ހެދި ނަމަވެސް ތިމާ އާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށާއި މިސްކިތަށް ދާއިރު މާސްކު އެޅުމާއި މުސައްލަ ގެންދިއުމާއި އަމިއްލަ މުސައްލަ މަތީގައި ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. .
"މި ދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތށް އަމަލުކުރުމަށާއި ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ހެޔޮ އަމަލުތައް ގިނަކޮށް، މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދެމުން ގެންދިޔަ ނަމަވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އިއްޔެ ވެސް 300 މީހުން ރާއްޖެ އިން ކޮވިޑަށް ފައްސިވިއެވެ.

















advertisment
ޚިޔާލު