ﷲއަށްޓަކާ ލޯބިވުމާއި ﷲ އަށްޓަކާ ރުޅިއައުމަކީ އިސްލާމްދީނުގެ މުހިއްމު ޢަގީދާއެއް ކަމަށް އައްޝައިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އަލް ވަލާ ވަލް ބަރާ އަކީ އަހްލުއްސުންނަ ވަލްޖަމާޢާގެ ޢަގީދާގައި ނުވަތަ ޝަރުތުތަކުގައި ހިމެނޭ ޝަރުތެއް ކަމަށެވެ. އަދި މިކަން މީހެއްގެ ކިބައިން އުނިވެއްޖެނަމަ އެމީހެއްގެ އީމާންްކަން ސައްހަ ނުވާނެ ކަމަށެވެ.
ﷲތައާލާ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. (އެބައިމީހުންނަށް ﷲ ތަޢާލާ ބާވައިލެއްވި ކަންތައްތަކަށް، ﷲ ތަޢާލާއަށް އީމާންވާ ކަމުގައިވާނަމަ އެއިލާހުގެ ނަބިއްޔާ އަށް އީމާންވާ ކަމުގައިވާނަމަ އަދި ނަބިއްޔާ ބާވައިލެއްވި ތަކެއްޗަށް ތިޔަބައިމީހުން އީމާންވާ ކަމުގައިވާނަމަ ކާފަރުވި މީސްތަކުންނާއި ދީނަށް ޢަދާވާތްތެރިވި މީހުންނަކީ އެބައިމީހުންގެ ވަލިޔުން ނުވަތަ ނަސްރު ދޭ ބައެއް ކަމުގައި ނަހަދާނެއެވެ.
މީގެ އިތުރުން އަޅުގަނޑުމެން ކޮންމެހެން ލޯބިވާންޖެހޭ ބަޔަކާއި ބައެއް ކަންކަމުގައި ލޯބިވެފައި އަނެއްބައި ކަންކަމާއި ނަފްރަތު ކުރަންޖެހޭ ބަޔަކާއި އަދި އަޅުގަނޑުމެން ނަފްރަތު ކުރަންޖެހޭ ބަޔަކަށް 3 ބަޔަކަށް މީސްތަކުން ބަހާލެވިގެން ދާކަމަށްވެސް ވިދާޅުވިއެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން ކޮންމެހެން ލޯބިވުން ލާޒިމުވާ މީހުންނަކީ ﷲ ތަޢާލާގެ ރިސާލަތު ހިއްޕަވައިގެން ތިއްބެވި ރަސޫލުންނާއި ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބާވި ބަޔަކުކަމަށެވެ.
ދެވަނަ ބަޔަކީ މުސްލިމުންގެ ތެރޭގައި ﷲ ތަޢާލާއަށް އީމާންވާ އެހެންނަމަވެސް އެމީހުންގެ އީމާންކަމާއެކު ފާފަތަކަށް އަރައިގަނެ އަނިޔާވެރިވާ މީހުންކަމަށެވެ. އެމީހުންގެ އީމާންކަމަށްޓަކައި ލޯބިކޮށް އެހެންނަމަވެސް އެމީހުންގެ ނުބައި ޢަމަލުތަކަށް ނަފްރަތު ކުރަންޖެހެއެވެ. އެއީ ކިތަންމެ ގާތްމީހެއް ކަމުގައިވިޔަސްމެއެވެ. ތިންވަނަ ބަޔަކީ ކާފަރުން ނުވަތަ ﷲ ތަޢާލާއަށް އުރެދުމެވެ. މިފަދަ ކަންކަމަށް ރުހިގެން ނުވާނެ ކަމަށާއި ރުހިއްޖެނަމަ މިއީ އަޅުގަނޑުމެންގެ އީމާންކަމާއި މުޅިން ފުށުއަރާ ކަންތައްތަކެއް ކަމަށެވެ.
ޚިޔާލު