ކޮންމެ ކަމަކުން ޝިފާހޯދަން ވެސް ކިޔަވަންޖެހޭނީ ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތުން އައިސްފައިވާ ދުޢާތައް ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢިލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
ޝެއިޚް މި މަޢުޟުއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ސިހުރު، ފަންޑިތަ ހަދާ މީހުންގެ ގާތަށް ނުދިޔުމަށާއި އެއިރުން އެދެވެނީ މުޅިން ގޯސް މަގަކުން ކަމަށެވެ. އެފަދަ ބައެއް މީހުން ގާތަށް ދިއުމުން ކިޔަން ދީފައި ހުންނަ ބައެއް ކަރުދާސް ބަލާއިރު ފެންނަނީ ޖިންނި އާއި ގުޅުން ހުންނަ ކިޔެވެލިތައް ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ ޝިރުކުގެ ތެރެއިން ހިމެނޭ ބޮޑު ފާފައެއް ނަމަވެސް އެކަންކުރާ މީހުން ވަރަށް ގިނަކަމަށް ޤަބޫލުކުރަންޖެހެއެވެ. އަދި ބައެއް މީހުންނަށް އެކަމުގެ އަސަރުކުރާލެއް ގިނަކަމުން ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަވެސް ބެލެވެނީ ކޮންމެވެސް މީހަކު ހެދި ސިހުރެއް ޖެހުނީ ކަމަށެވެ. އަދި ބައެއް މީހުންނަށް ރަނގަޅަށް ނުނިދުނު ނަމަވެސް ބެލެނީ އެއީ ސިހުރަކުން ކަމަށެވެ. ޚާއްޞަކޮށް ދެ ފަހަރަކު ބިރުވެރި ހުވަފެނެއް ފެނުނު ނަމަވެސް ބެލެނީ އެއީ ސިހުރާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
އެފަދަ ޙާލަތުގައި ފުރަތަމަ ބަލަން ޖެހޭނީ ތިމާގެ ޞިއްޙީ ހާލަތަށް ކަމަށެވެ. އަދި ހަށިގަނޑަށް ފައިދާހުރި ތަކެތި ނުކެވޭނަމަ، ސިކުނޑިއަށް އަރާމެއް ނެތި ބުރަކޮށް އުޅެން ޖެހިޖެނަމަ ނުވަތަ ލިބޭ ހިތްދަތިކަމެއްގެ ސަބަބުން ނުވަތަ ހަށިގަނޑަށް ބޭނުންވާ ކޮންމެވެސް މާއްދާއެއް މަދުވި ނަމަވެސް އަދި ހަށިގަނޑަށް ލިބެން ޖެހޭ އަރާމު ނުލިބުނު ނަމަވެސް މިބާވަތުގެ ކަންކަން މެދުވެރިވެދާނެ ކަމަށެވެ. މިފަދަ ޙާލަތުގައި ބައެއް މީހުންނަށް އިތުރު އަޑެއް އިވޭހެންވެސް ހީވެދާނެއެވެ. ކުރިމަތިން އައްޔެއް ދިއަ ކަމަށްވެސް ހީވެދާނެއެވެ.
ވީމާ އެއީ މީހަކު ހެދި ސިހުރަކުން މެދުވެރިވި ކަންކަން ކަމަށް ނުނިންމާށެވެ. ފުރަތަމަ ކަމެއްގެ ގޮތުން ކަމާއި ގުޅުންހުރި ޑޮކްޓަރަކަށް ދައްކައި ރަނގަޅަށް ޗެކްކޮށްލާށެވެ. ޑޮކްޓަރުން ބުނާ ބަސްވެސް އޮޅުންފިލުވައިލާށެވެ. އެއަށްފަހުގައި ނޫނީ ސިހުރާއިމެދު ނުވެސް ވިސްނާށެވެ. ސިހުރެއް ކަމަށް ޔަޤީން ކުރެވިއްޖެ ނަމަ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދުމަށެވެ.
ޚިޔާލު