ތިމާގެ ސިއްރުތައް ކިތަންމެ ގާތައެކުވެރިއަކަށް ނަމަވެސް ހާމަނުކުރުމަށް ޒިންމާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ.
މީގެ އިތުރުން ތިބާގެ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް ތިބާގެ ސިއްރުތައް ކިޔައިދިނުމަކީ އެކުވެރިޔާއަށް އަޅުވެތިވެ އޭނާގެ އަޅަކަށްވާންޖެހިދާނެ ކަމަށާއި، ޙަޔާތުގެ ސިއްރުތަކާއި ސިއްރުން ކުރެވޭ ފާފަތައް ސިއްރުގެ ގޮތުގައި ހިފަހައްޓަން އިސްލާމް ދީން އެހައި ބޮޑަށް ބާރުއަޅަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
ގާތް އެކުވެރިއަކަށް އިތުބާރު ކޮށް ތިމާގެ ސިއްރުތައް ކިޔާދީފިނަމަ ކިތަންމެ ބޮޑު ގެއްލުމެއް ހަމަ މިދުނިޔެމަތީގައިވެސް ލިބިދާނެ ކަމަށާއި ކިތަންމެ ބޮޑު އަނިޔާއެއްގައި، ކިތަންމެ ބޮޑު ހިތްދަތިކަމެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. އަދި ތިމާގެ ސިއްރުތައް ބަހައްޓަންޖެހޭނީ ތިމާ އާއި ﷲ ތަޢާލާ ޢާއި ދެމެދުގައެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވެ އެހެން މީހަކަށް އެކަން ހާމަނުކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އަދި ހަމަ އެހެންމެ ކުޑަކުޑަމިސާލެއްގެގޮތުން ޝެއިޚް ވިދާޅުވެފައިވަނީ، ވަރަށް ގިނައިން ހިނގާ ވަރަށް ޢާންމުކަމެއްގެ ވާހަކައެކެވެ. ތިބާއަކީ ހަމަ ވަރަށް ރަނގަޅަށް ބައިވެރިޔާއާއިއެކު ދިރިއުޅެމުންދާ ބައިވެރިއެކެވެ. އަނހެނެއް ފިރިހެނެއް ބުނާކަށް ނެތީމެވެ. އެހެންކަމާއިއެކުވެސް، ޝައިޠޯނާގެ ސަބަބުން ތިބާއަށް އޮތީ ލަދުވެތިކަމެއް ކުރެވިފައެވެ. ބައިވެރިޔާއަށް އެނގިއްޖެނަމަ ކައިވެނި ރޫޅިދާނެކަމުގެ ބިރު އޮތް ކަމެއް ވަނީ ކުރެވިފައެވެ. އެކަންކުރިކަން އެކުވެރިޔާއަށް އެނގެއެވެ. ނުވަތަ ތިބާއަށް ވަނީ އެކުވެރިޔާއަށް އެވާހަކަކިޔައިދެވިފައެވެ.
އެ އެކުވެރިޔާ ތިބާގެ ބައިވެރިޔާއާއިއެކު އެފަދަ ގުޅުމެއް ހިންގިކަން ތިބާއަށް އެނގުނީއެވެ. ނުވަތަ ހިންގަނީއެވެ. ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާއަށް ބުނެވޭނީ ކޮންބަހެއް ހެއްޔެވެ؟ ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ ބަހެއް ބުނެފިނަމަ ފަޅާއަރުވައިލާނެ ބޮޑު ސިއްރު އެކުވެރިޔާއަށް ވަނީ ހާމަކުރެވިފައެވެ
ނިންމާލަމުން ޝެއިޚް ވިދާޅުވެފައިވަނީ އަބަދުވެސް ބުނާފަދައިން ކިތަންމެ ގާތް އެކުވެރިއަކީވެސް ކޮންމެ ހިނދެއްގައިވެސް ތިބާއާއި ގުޅުންކަނޑާލައިފާނެ މީހެއް ކަމަށެވެ. އަދި ތިބާއަށް ކިތަންމެ ބޮޑު އުރެދުމެއްވެސް އުރެދިފާނެ މީހެއް ކަމަށެވެ. އޭނާ ކިތަންމެ ބޮޑު ނުބައިކަމެއް ތިބާއަށްކޮށް ކިތަންމެ ބޮޑު ގެއްލުމެއްދިންނަމަވެސް އެމީހަކަށް ބްލެކްމޭލްވެ އަޅުވެތިވެގެން ހުންނަން ނުޖެހޭނީ ތިބާގެ ސިއްރުތައް އޭނާއަށް ނުއެނގޭނަމައެވެ. އެނގޭނަމަ ހަމަ ގިނަފަހަރަށްޖެހޭނީ އަޅުވެތިވެގެން ހުންނަންކަމަށެވެ.
ޚިޔާލު