ސިހުރުވެރިޔާ ﷲ ތަޢާލާއަށް އުރެދޭ ވަރަކަށް ޝައިތާނާ ސިހުރުވެރިޔާއަށް ކަންކަން ކޮށްދޭ ކަމަށް އައްޝައިޚް މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ޝެއިޚް ސިނާން މިހެން ވިދާޅުވެފައިވަނީ ޖަމިއްޔަތުއްސަލަފުން ކުރިއަށް ގެންދާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ސިހުރާ ރުޤްޔާއަށް ބަލާއިރު މިއީ ދެކޮޅުގައިވާ ދެއެތި ކަމަށާއި، އެކައްޗަކީ ޙައްޤު އަދި އަނެކައްޗަކީ ބާޠިލު ކަމުގައެވެ. ސިހުރުގެ ވާހަކަ ﷲ ތަޢާލާ ޤުރުއާނުގައި ވެސް ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކޮށް ދެއްވާފައިވެއެވެ. އޭގެ ތެރޭގައި ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަރަށް ސަރީހަކޮށް ބަޔާންކޮށްދެއްވާފައި ކަމަށެވެ.
ހަމަ އެފަދައިން މޫސާގެފާނުގެ ޒަމާނުގައި ފިރްޢައުނުގެ ސިހުރުވެރީން ކަންތައް ކުރިގޮތުގެ ވާހަކަ ﷲ ތަޢާލާ ވަނީ އެއްތަނަށްވުރެ ގިނަ ތަންތަނުގައި ބަޔާންކޮށްދެއްވާފައެވެ. އަދި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްތަކުގައި ވެސް ސިހުރުގެ ވާހަކަ އައިސްފައިވެއެވެ. އެގޮތުން އެއް ހަދީޘެއްގައި ވަނީ ހަލާކުކުރަނިވި 7 ފާފައިން ތިޔަބައިމީހުން ދުރުހެލިވާށެވެ. އެޙަދީޘުގައި ޝިރުކަށްފަހު ބަޔާންކުރައްވާފައިވަނީ ސިހުރުގެ ވާހަކައެވެ.
މީގެ އިތުރުން އޭގެ އަސަރުތައްވެސް މީހުންނަށް ކުރެއެވެ. ސިހުރު ހަދަނީ އިންސާނުންގެ ތެރެއިން ސިހުރުވެރީންނެވެ. އެބައިމީހުން ޝައިތާނުންގެ ކިބައިން އެހީތެރިކަމާއި ވާތްގައް އެދިގެންނެވެ. ސިހުރުވެރީންނާއި ޝައިތާނުންނާ ވެވޭ އެއްބަސްވުމެއްގެ ތެރެއިންނެވެ. އެގޮތުން ސިހުރުވެރިޔާ ﷲ ތަޢާލާ ނުރުއްސަވާ ކަންކަން ކުރާ ކަމަށެވެ.
ޚިޔާލު