ޖަމްޢިއްޔަތުއްސަލަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ އިޖްތިމާޢީ ހަރަކާތްތައް ހިންގާ 'ސަލަފު އެއިޑް' ގެ ފަރާތުން އިސްނަގައިގެން ތެލެސީމިޔާ ސެންޓަރާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވަނީ މިހަރަކާތް އޮންނާނީ މާދަމާ ކަމަށް މި ޙަރަކާތްތުގެ ކޯޑިނޭޓަރު އައްޝައިޚް ޒަމްޒަމް ފާރިޝް ދިއިސްލާމްއަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މާދަމާ ހެނދުނު 10:30 ގައި ތެލްސީމިޔާ ސެންޓަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިހަރަކާތުގައި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ވޮލެންޓިޔަރުންނާއި އަދި ދިވެހިރާއްޖޭގެ ބައެއް ފުއްނާބު އުސް ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
"މިފަދަ ހަރަކާތެއްގެ ބޭނުމަކީ މިފަދަ ހައްސާސް ހާލަތެއްގައި ދީނީ އަދި އިޖުތިމާއީ ޒިންމާ އަދާކުރުން. ދީނީ އިލްމުވެރިންގެ ހައިސިއްޔަތުން އަދި ދީނީ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިފަދަ ކަންކަމުގައި އާއްމު ފަރުދުންނަށް ނަމޫނާ ދައްކަން އެންމެ އައުލާވެގެންވާ ބަޔަކީ ހަޤީޤަތުގައި އަޅުގަނޑުމެން." ކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.
"އުއްމީދަކީ މި ފިޔަވަޅުގެ ސަބަބުން އާއްމުން ވެސް މިކަމުގެ މުހިއްމު ކަމާ މެދު ހޭލުންތެރި ވެ ލޭ ހޯދުމަށް ހުރި ދަތިތަކަށް އެދެވޭ ހައްލެއް ލިބުން." ކަމަށް އައްޝައިޚް ޒަމްޒަމް އިތުރަށް ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފުން މީގެ ކުރިންވެސް މިފަދަ އިޖްތިމާއީ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

















advertisment
ޚިޔާލު