ރާއްޖޭގެ ޚަބަރު

މޫނު ބުރުގާ މަނާ ކުރުމަކީ ފަހަރެއްގައިވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫން: ޝެއިޚް ޝަހީމް

މޫނު ބުރުގާ އަޅައިގެން ކުއްލިއްޔާއަށް ކިޔަވަން ދާ އަންހެން ދަރިވަރުންނަށް އެކަން މަނާ ކުރުމަކީ ފަހަރެއްގައިވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި ކުރީގެ ސްޓޭޓް އިސްލާމިކް މިނިސްޓަރު އަދި މިހާރު ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރިޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެ ބޭފުޅާ މިހެން ވިދާޅުވީ އެ ބޭފުޅާގެ ފޭސްބުކު ސުވާލާއި ޖަވާބު ގްރޫޕުގައެވެ.

ނަމަވެސް، އޮފީސްތަކާއި ތަޢުލީމީ މުއައްސަސާ ތަކަށް ވަންނަ މީހުން ބެލޭނެ ނިޒާމެއް އޮންނަން ވާނެ ކަމަށާއި އަދި ކުއްލިއްޔާއަށްވެސް  މޫނު ބުރުގާ އަޅައިގެން އުޅޭ ދަރިވަރުން ވަންނައިރު ޗެކުކުރާނޭ ސެކިއުރިޓީ އަންހެން ގާރޑެއް ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިލައްވާ ކަމުގައިވެސް ހާމަކުރެއްވިއެވެ.

" އެއީ އޮފީހެއްނަމަ ނުވަތަ ތަޢުލީމީ މުއައްސަސާއެއްނަމަ އެތަނަށް ވަންނަ މީހުން ބެލޭނެ ނިޒާމެއް އޮތުން އެންމެ ރަނގަޅު ކަމުގައި ދެކެން. އެއީ ސެކިއުރިޓީ ސަބަބުތަކަށްޓަކައި. ވީމާ، ކުއްލިއްޔާއަށް ވެސް އަންހެން ދަރިވަރުން މޫނު އަޅައިގެން އުޅޭނަމަ، އެތަނަށް ވަންނަ އިރު ގާރޑަކަށް އަންހެނަކު އިންނަނަމަ ޗެކު ކުރުވޭނެ ނިޒާމެއް އޮތުން އެންމެ ރަނގަޅީ. ނަމަވެސް، މޫނު ބުރުގާ މަނާކުރުމަކީ ފަހަރެއްގައިވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން." ޝެއިޚް ޝަހީމް ވިދާޅުވިއެވެ.

ޝެއިޚް ޝަހީމް އިތުރަށް ހާމަކުރައްވި ގޮތުގައި ޞަލަފުއްޞާލިހުންގެ ބައެއް ދަންނަ ބޭކަލުން ވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބެއްކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ރައުޔަކީ ސުޢުދީ ފަތުވާ ކޮމެޓީގެވެސް ރައުޔު ކަމަށް ހާމަކުރެއްވިއެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ މޫނު ބުރުގާއަކީ ސުންނަތެއްގެ ގޮތުގައެވެ.

" މޫނު ބުރުގާ އެޅުމަކީ ވާޖިބެއް ކަމަށް ސަލަފުންގެ (އުއްމަތުގެ ސަލަފުއްޞާލިހުންގެ) ބައެއް ދަންނަ ބޭކަލުން ވިދާޅުވެފައިވޭ އަދި އެއީ ސަޢޫދީ ދަންނަ ބޭކަލުންގެ މަޖިލީހުގެ ވެސް ރައުޔު. ނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ގިނަ ދަންނަ ބޭކަލުން ވިދާޅުވެފައި ވަނީ އެއީ ސުންނަތް ކަމެއްގެ ގޮތުގައި"  ޝެއިޚް ޝަހީމް ހާމަކުރެއްވިއެވެ.

އަދިވެސް ޝަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، މޫނު ބުރުގާއަކީ ސުންނަތެއްގެ ގޮތުގައި ނުވަތަ ވާޖިބެއްގެ ގޮތުގައި ދެކިގެން އަޅަން ބޭނުންވާ އަންހެނުންނަށް އެކަން ކުރުމުގެ ފުރުޞަތު އޮންނަން ވާނެ ކަމަށެވެ. އަދި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުވެސް އޮންނަން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި އެކަން މަނާ ކުރެވިގެން ނުވާނެ ކަމަށްވެސް ދެކިލައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

" އަންހެނާ ނިވާކުރުން ލާޒިމުވެގެންވަނީ މޫނާއި ދެއަތްތިލަ ނޫން ތަންތަން. ނަމަވެސް އެއީ (މޫނު ބުރުގާ އެޅުން) ސުންނަތެއްގެ ގޮތުން ނުވަތަ ވާޖިބެއްގެ ގޮތުން ދެކިގެން އެކަން ކުރާ މީހާއަށް އެ ފުރުޞަތު އޮންނަން ވާނެ. އަދި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުވެސް އޮންނަން ވާނެ. އެކަން މަނާ ކުރެވިގެން ނުވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ޝަހީމް ލިޔުއްވާފައިވެއެވެ.

ޝެއިޚް ޝަހީމް މި މޭރުމުން ލިޔުއްވާފައިވާ އިރު، މިހާރު ކުއްލިއްޔާގައި ޖެހިގެން އުޅޭ މޫނު ބުރުގާގެ މައްސަލަ ނޫސްތަކުގައި ވަރަށް ހޫނު ޚަބަރެއްގެ ގޮތުގައި ދަނީ ކަވަރު ކުރަމުންނެވެ. މި މައްސަލަ ހޫނު ވެފައިވަނީ، ކުއްލިއްޔާގައި ކިޔަވަމުންދާ މޫނު ބުރުގާ އެޅި އަންހެން ދަރިވަރަކަށް ، މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އެތަނުގެ ރެކްޓަރ އެންގެވުމުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޝަހިމް މެން ކަހަލަ ބޭފުޅުން ތިގޮތުގައި އަބަދުވެސް މަސައްކަތް ކުރައްވާނަމަ! މިޤައުމު އިސްލާޙު ވާނެތާ މިހާރު ކޮންދުވަހެއް! ރަނގަޅު ހެކިދައްކާއިރު ދެކޮޅަށްވެސް ހެކި ދައްކަންޖެހޭނެ. މިމައްސަލަ ވަރަށް ރަނގަޅަށް ސާފުވެއްޖެ! ޝުކުރިއްޔާ ޝަހީމް.

Your email address will not be published. Required fields are marked *