ރާއްޖޭގެ ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައިވެރިވުމަކީ މި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސް އާއި އެމްއެމްއޭއާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ޒަކާތުގެ ކަންކަން ބެލެހެއްޓުން އެމްއެމްއޭއާ ހަވާލުކުރެވިގެން ދިއުމަކީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. "މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އެމްއެމްއޭއިން މިފަންޑު ބެލެހެއްޓުމަކީ، މިނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް އެޅުނު މުޙިއްމު ފިޔަވަޅެއް،" ވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ޒަމާނީކޮށް، ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދިޔަ މުހިއްމު މަރުހަލާއެކެވެ.
ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ ޤާނޫނެއް އެކުލަވާލައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާފައެވެ. ޒަކާތު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޒަކާތު ފަންޑު ބަލަހައްޓަން ޖެހެނީ ދައުލަތުގެ ޕަބްލިކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ޤާއިމުކުރާ ޚާއްޞަ ފަންޑެއްގައެވެ. މިކަން ކުރަން ޖެހެނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
މީގެ އިތުރުން، ޒަކާތު ފަންޑުގައި ހުންނަ ފައިސާ އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް، އެއިން ރަނގަޅު ފައިދާއެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޒަކާތުގެ ބައިތައް އިތުރުކޮށް، އޭގެ މަންފާ އެންމެ އެދެވޭ ގޮތެއްގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

















ޚިޔާލު