ރާއްޖޭގެ ޚަބަރު

ކޮންމެ ބްރޯޑްކާސްޓަރެއްގެ ޢަޒުމަކަށްވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ ޕްރޮގްރާމްތައް ގެނެސްދިނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާންވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މިފަދައިން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނޭގޮތަށް، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭންޖެހޭ ޚިދުމަތެއް ކަމަށެވެ. އަދި ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަމާޒަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިފައިވަނީ ރޭޑިއޯގެ ޚިދުމަތާއެކު 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައެވެ. އަދި ޓީވީގެ ޚިދުމަތް ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހު ޓީވީ މޯލްޑިވްސްގެ ނަމުގައެވެ. މި ދާއިރާ އަމިއްލަ ފަރާތްތަކަށް ހުޅުވާލެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، އެ ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *