ރާއްޖޭގެ ޚަބަރު

ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ހިފެހެއްޓުން ރައީސް ޑރ މުޢިއްޒު ކުށްވެރިކުރައްވައިފި

އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޔަހޫދީ ދައުލަތުގެ މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ދަތުރުކުރަމުންދިޔައީ ހަތިޔާރު ނެތް އާންމު ރައްޔިތުން ކަމަށާއި، އިންސާނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހާލުގައި ޖެހި އަސާސީ ހައްޤުތަކުން މަޙްރޫމްވެފައި ތިބި ބަޔަކަށް އިންސާނީ އެހީ ހިފައިގެންދާ ގާފިލާއަކާ ދިމާކޮށްލުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފް ކަމެއް،" ރައީސް ވިދާޅުވިއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ދިވެހިރާއްޖެ ހިމެނޭގޮތަށް 44 ޤައުމެއްގެ 500 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެގެން، ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމުކޮށްފައިވާ ދަތުރެކެވެ. މި ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ބައެއް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ޤާނޫނީ ވަކީލުންވެސް ހިމެނެއެވެ.

ފްލޮޓިއްލާގެ ދަތުރު އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް 13 އުޅަނދެއް ޔަހޫދީ ސިފައިން ވަނީ ހުއްޓުވާފައެވެ. އަދި އިތުރު 30 އުޅަނދު މިވަގުތުވެސް ދަނީ ޣައްޒާއަށް ދަތުރުކުރަމުންނެވެ. ދިވެހިރާއްޖެއިން މި ދަތުރުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ދަނީ ބައިވެރިވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަހޫދީ ދައުލަތުން ތަކުރާރުކުރަމުންދާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް، އިންސާފު ހޯދައި، ސުލްހައާއި ސަލާމަތްތެރިކަމަށް ކުރަމުންދާ މަސައްކަތުގައި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *