ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޡުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ޚާއްޞަ އިނާމެއްގެ ގޮތުގައި 'ޑިނަރ ވައުޗަރ' އެއް ދޭން ފަށައިފިއެވެ. މި ވައުޗަރުގެ ދަށުން ޙާފިޡާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވެއެވެ. މީގެ އިތުރުން، ބުރުޒު ކޭޓަރިންގ އިން ޙާފިޡުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ވައުޗަރެއްވެސް ދޭން ފަށާފައިވާއިރު، މި ވައުޗަރު 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ.
ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުންގެ އަދަދު އިތުރުކުރުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް، އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ވަނީ ދޭން ފަށާފައެވެ.
ބުރުޒު ކޭޓަރިންގ އިން މި ފަދަ ޚާއްޞަ އިނާމެއް ޙާފިޡުންނަށް ދިނުމަށް ނިންމުމާ ގުޅިގެން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ފަދަ އިނާމުތަކަކީ ޙާފިޡުންގެ ހިތްވަރު އިތުރުވެ، އިތުރު ކުދިން ޤުރުއާން ހިތުދަސްކުރުމަށް ޝައުޤުވެރިވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
ޚިޔާލު