މޯލްޑިވިއަން ޔޫތް ލީގް (މައިލް) އާއި ޖަމިއްޔަތުއް ރަޙްމާ ގުޅިގެން ބަލި މީހުންގެ އެހީތެރިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.
މޯލްޑިވިއަން ޔޫތް ލީގް އިން ހާމަކުރި ގޮތުގައި އިއްޔެ އެޖަމިއްޔާއާއި ޖަމިއްޔަތުއް ރަޙްމާގެ ފަރާތުން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންގެ އެހީތެރިންނަށް ރޯދަ ވިއްލުމެއް ދީފައިވާކަމަށެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން މައިލްގެ ރައީސް މާޒިން ހުސައިން އިބްރާހިމް ވިދާޅުވީ އިއްޔެ އައިޖީމްއެޗްގައި ބޭއްވި ރޯދަވީއްލުމަކީ އައިޖީމްއެޗްގައި ތިބި ބަލިމީހުންގެ އެހީތެރިންނަށް ދިން ރޯދަ ވިއްލުމެއްކަމަށާއި މިކަމަށް ވަރަށް ތަރުހީބު ލިބުނު ކަމަށެވެ.
މާޒިން އިތުރަށް ވިދާޅުވީ މިރޯދަވީއްލުމުގައި 50 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށާއި މިކަމަށް އައިޖީއެމްއެޗްގެ މެނޭޖްމަންޓްގެ ފަރާތުން ވަރަށް ބޮޑު އެއްބާރު ލުމެއް ލިބުނު ކަމަށެވެ.
" މިކަން އިންތިޒާމް ކުރުމުގައި އައިޖީއެމްއެޗްގެ މެނޭޖްމަންޓްގެ ފަރާތުން ވަރަށް ބޮޑު އެއްބާރު ލުމެއް ލިބުނު. އެކަމަށްޓަކައި އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މާޒިން ވިދާޅުވިއެވެ.
މޯލްޑިވިއަން ޔޫތް ލީގް (މައިލް) އާއި ޖަމިއްޔަތުއް ރަޙްމާ ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގައި އަންނަނީ ގިނަ ރޯދަ ވީއްލުން ތަކެއް އިންތިޒާމް ކުރަމުންނެވެ. އެގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ޠައިބާ މިސްކިތުގައި ބާއްވާ ރޯދަ ވީއްލުމާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންނަށް ބޭއްވި ރޯދަ ވީއްލުން ފާހަގަ ކޮށްލެވެއެވެ. އަދި ޒުވާނުންގެ ބޮޑު ރޯދަ ވީއްލުމަކަށް އެފަރާތުން އަންނަނީ ތައްޔާރު ވަމުންނެވެ.
މޯލްޑިވިއަން ޔޫތް ލީގްއިން މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ވަނީ ބަލިމީހުންގެ އެހީތެރިންނަށް ރޯދަ ވީއްލުމެއް އައިޖީއެމްއެޗްގައި ބާއްވާފައެވެ.
ޚިޔާލު