މޯލްޑިވިއަން ޔޫތު ލީގް (މައިލް) ގެ ފަރާތުން މާލޭގެ މިސްކިތްތައް މަރާމާތުކޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މާޒިން ހުސައިން އިބްރާހިމް ވިދާޅުވީ މިސްކިތްތައް ސާުފުކޮށް މަރާމާތު ކުރުމުގެ މިހަރަކާތަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ މިފަދަ ޖަމިއްޔާއަކުން ކުރުމަށް ވަރަށް އެކަށޭނަ މަސައްކަތަކަށްވުމާއެކު އެފަދަ ހަރަކާތެއް އިންތިޒާމް ކުރީ ކަމަށެވެ.
މިހަރަކާތުގައި މިސްކިތްތައް ސާފުކޮށް، މިސްކިތްތަކުގައި ކުލަ ލާންޖެހިފައިވާ ތަންތަނުގައި ކުލަލުމުގެ އިތުރުން މަރާމާތު ކުރަން ޖެހިފައިވާ ތަންތަން މަރާމާތު ކުރާނެ ކަމަށް މާޒިން ވިދާޅުވިއެވެ.
'އަޅުގަނޑުމެންނަށް އެބަފެނޭ މިސްކިތްތަކުގެ ފާޚާނާ ތަކުގައި ވަރަށް ހުތުބަހުރުވައިން އެއްޗެތި ލިޔެފައި ހުންނަތަން. މިސްކިތައް އަންނަ ކުޑަކުދިންނަށްވެސް އެފަދަ ތަންތަން އެބަފެނޭ. މިހަރަކާތުގައި އެފަދަތަންތަނުގައި ކުލަލާ ފިލުވާލުމުގެ އިތުރުން އެފަދަ ޢަމަލުތައް ނުކުރުމަށް އިރުޝާދުތަކެއްވެސް ހަރުކުރެވޭނެ' މާޒިން ވިދާޅުވިއެވެ.
މާޒިން އިތުރަށް ވިދާޅުވީ މިހަރަކާތުގައި މިސްކިތްތަކުގައި ބައުވެފައިވާ މުސްހަފްތަކުގެ ބަދަލުގައި އައު މުސްހަފުވެސް މިސްކިތްތަކަށް ހަދިޔާ ކުރެވޭނެ ކަމަށެވެ.
މިހަރަކާތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 7881913، 9707778، 7902227 ނަންބަރ ފޯނަށް އެފަރާތެއްގެ މައުލޫމާތު ފޮނުވުމަށް މައިލް ޖަމިއްޔާއިން އެދެއެވެ.
މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 26 ވާ ހުކުރު ދުވަހުއެވެ.
ޚިޔާލު