ރާއްޖޭގެ ޚަބަރު

ސަޢޫދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު އާންމުކޮށްފި

1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ.

މި އަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު (12،500 ޕަކެޓް) ކަދުރު ހަދިޔާ ކޮށްފައިވާއިރު، މި އަހަރު މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި 1441 ވަނަ އަހަރު ރާއްޖޭގައި އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) މީހުންނަށް، ކޮންމެ މީހަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން 06 އޭޕްރިލް 2021 ވީ އަންގާރަ ދުވަހު އާންމު ކޮށްފައިވާ ކަދުރު ބެހުމުގެ އުޞޫލުގައި ކަދުރު ހަދިޔާކުރާނެ އިތުރު ތަންތަން ވެސް ވަނީ އާންމުކޮށްފައެވެ. އެތަންތަނަކީ ކުޑަކުދިންގެ ހިޔާ، ފިޔަވަތި، ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ. އަދި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ބަޔާންކުރެވިދިޔަ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތީން އެ ސިޓީ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

މީގެއިތުރުން ސިޓީ އަދި ރަށު ކައުންސިލުތަކުން ކަދުރު ބަހަންވާނީ އާންމުކޮށް އިޢުލާން ކުރުމަށް ފަހު ކަމަށާއި އަދި އެ ރަށްރަށަށް ކަދުރު ގެންދިޔުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދާއި އަދި އެ ކަދުރަށް ނާލު ދެއްކުމަކީ އެ ކައުންސިލުތަކުގެ ޒިންމާއެއް ކަމުގައި އެ އުޞޫލުގައިވެއެވެ.

ބެހުމަށްޓަކައި ރަށްރަށަށް ފޮނުވޭ ކަދުރު ސަރުކާރުގެ ނަމުގައި ނޫން ނަންނަމުގައި ބަހައިގެން ނުވާނެ ކަމަށާއި އަދި މި އުޞޫލުގައި ނުހިމެނޭ ކަމެއް މެދުވެރި ވެއްޖެނަމަ އެކަމެއް ނިންމާނީ އިސްލާމިކް މިނިސްޓްރީން ކަމުގައި އެ އުސޫލުގައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *