"ދީނުގެމަގު" މަޖައްލާ ނެރެން ފަށައިފިއެވެ. މިމަޖައްލާ ނެރުނު ކަން ހާމަ ކޮށްފައި މިވަނީ އެމަޖައްލާއިން ނެރުއްވި ނޫސްބަޔާނެއްގައެވެ.
މިނޫސް ބަޔާނުގައި އެމަޖައްލާގެ ފަރާތުން ވިދާޅުވެފައިވަނީ " "ދީނުގެމަގު" މިއީ އިސްލާމްދީނުގެ ޢިލްމު ދިވެހި ފަސްގަނޑުގައި ފެތުރުމުގެ މަތިވެރި މާތް މަޤްޞަދުގައި ޝާއިޢުކުރެވޭ ހަފްތާ މަޖައްލާއެކަމަށެވެ.އަދި އެމަޖައްލާގައި ހިމަނަން ގަސްތުކުރަނީ އިސްލާމްދީނުގެ އާންމު މައުލޫމާތުތަކާއި، ފިލާވަޅުތައްކަމަށެވެ.
އަދި މިމަޖައްލާ ނެރޭނީ ހަފްތާއަކު އެއް ފަހަރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދީނީގޮތުން އައު ދަރުހަކާއި، އިރުޝާދެއް ފޯރުކޮށްދިނުމުގެ އުއްމީދުގައި ކަމަށާއި، އެ މަޖައްލާ ފަރުމާ ކުރެވިފައިވަނީ މުހިއްމު މައުޟޫޢުތަކަށް ކުރު މަޒުމޫނުތަކެއް ހިމަނައިގެންކަމަށެވެ. ފަސޭހައިން ވިސްނޭހެން ސާދާ ޢިބާރާތުން ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވޭތޯ އެ މަޖައްލާގެ ލިޔުންތެރިން ވަރަށްބޮޑަށް ބައްލަވާނެކަމަށްވެސް އެނޫސް ބަޔާނުގައި ވެއެވެ.
އަދިވެސް މި ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ "ދީނުގެމަގު" މިނަމުގައި އެންމެ ފުރަތަމަ މަޖައްލާއެއް ޝާއިޢު ކޮށްފައިވަނީ ދިވެހި ދައުލަތުގެ ފަރާތުންކަމަށެވެ. އަދި އެއީ، 1987ން 2008އަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ޙަފްތާ މަޖައްލާއެއް ކަމަށެވެ. އޭރުގެ ރައީސުލް-ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ފައްޓަވައި ކުރިއަށް ގެންދެވި އެމަސައްކތްޕުޅު މު ނޫސްބަޔާނުގައި ސިފަ ކުރައްވައިފައިވަނީ، އިސްލާމީ ދަޢުވަތުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ބަހަމުންގެންދެވި "ދީނުގެމަގު" ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް ވަނީ ފޯރާފައި ވާކަންވެސް މިނޫސް ބަޔާނުގައި ފާހަގަ ކުރައްވައިފައިވެއެވެ.
އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު މީސްތަކުންގެ މެދުގައި ފަތުރަން މަސައްކަތް ކުރުން އެއީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުން ޖެހިފައިވާ ކަމެއްކަމަށާއި، ވަކީން ޚާއްޞަގޮތެއްގައި ދިވެހި މުޖްތަމަޢަށް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިއްމުކަން މިއަދު ވަކިން ކުޑަނޫންކަމަށް މި ނޫސްބަޔާނުގައި ވެއެވެ.
މިރާއްޖޭގެ ހީވާގި ޢިލްމުވެރިން މިހާރުވެސް އިސްލާމްދީނުގެ ޞައްޙަ މައުލޫމާތާއި އެދީނުގެ ދަޢުވަތު ފަތުރުއްވަން ނުހަނު ބުރަކަމާއެކު މަސައްކަތްޕުޅުތަކެއް ކުރައްވާކަމަށާއި. އަދި އެމަސައްކަތްޅުޅުތައް ކުރައްވަނީ އެކަމަށް އެންމެ އެކަށީގެންވާ ގޮތްގޮތުގައި ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. އަދި "ދީނުގެމަގު" މަޖައްލާއަކީ ވެސް އެ ސިލްސިލާއަށް އިތުރު ކޮށްލެވޭ ކުޑަ ބޮޅެއްކަމަށްވެސް ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މަޖައްލާ ދެވަނަ ފަހަރަށް ވުޖޫދު ކުރުމަށް ކުރެވުނު މަސައްކަތްތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވި އެއްބާރުލެއްވުން ނުހަނު އުފަލާއެކު ފާހަގަ ކުރައްވާ ކަމަށާއި، އެ މުވައްސަސާތަކުން މިކަމުގައި އުޅުއްވި ކޮންމެ މުވައްޒަފެއްގެ ވެސް މޫނު މަތިން ފެނުނު ހިނިތުންވުމާ އުފާވެރިކަން އެއީ "ދީނުގެމަގު" ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށް "ދީނުގެމަގު"ން ނެރުއްވާފައިވާ ނޫސްބަޔާނުގައި ވެއެވެ.
ހޯމް މިނިސްޓްރީގެ ދަފްތަރުން 2019/2203ވަނަ ރަޖިސްޓްރީ ނަމްބަރުގައި މި މަޖައްލާ ޖާގަހޯދީ 2019ވަނަ އަހަރު ޖުލައި މަހުގެ 23ވަނަ ދުވަހުކަމަށާއި، މިއަދު "ދީނުގެމަގު" މިވަނީ އައު ދަތުރަކަށް މިސްރާބު ޖަހާފައިކަމަށްވެސް އެނޫސް ބަޔާނުގައި ވެއެވެ.
މާލޭ ސަރަޙައްދާއި، އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ވެސް މި މަޖައްލާ މުޅިން ހިލޭ ބެހޭނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްރަށަށް މަޖައްލާ ފޮނުވުމަށް "ދީނުގެމަގު" ޓީމުން މަސައްކަތް ކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖައްލާ ޝާއިޢުކުރަން ފުރަތަމަ ކަނޑައެޅި ތާރީޚަކީ 3 ޖަނަވަރީ 2020އަށް ވީނަމަވެސް، ދުނިޔޭގެ މަޝްރަޙަށް އައި ލޮޅުމުގެ އަސަރު މި މަސައްކަތައް ވެސް ކުރިކަމަށާއި، އައު ހިތްވަރަކާއިއެކު މިއަދު 8 ޖަނަވަރީ 2021ގައި މަޖައްލާ ވުޖޫދު ކުރެވުނީކަމަށާއި، މިކަމުގެ ހުރިހާ ޙަމްދަކާއި ތަޢުރީފެއް ހުރީ ގަދަކީރިތި ވަންތަ މާތް ﷲ އަށް ކަމަށް މިނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދުޢާއަކީ މި މަސައްކަތް ﷲ ރުހިވޮޑިގަންނަވާ މަސައްކަތެއް ކަމުގައި ވެގެންދިއުން ކަމަށާއި، އަދި މިކަމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، މިއީ ޞަދަޤަ ޖާރިއާއެއް ކަމުގައި ވެގެންދިއުން ކަމަށްވެސް މިނޫސް ބަޔާނުގައި ވެއެވެ.
ޚިޔާލު