އެމްޑީއެންގެ މައްސަލައިގެ ތަހުޤީޤު ގޮސް އޮތް ހިސާބެއް ބެލުމަށް ޢިލްމުވެރިންގެ ޕެޓިޝަނެއް އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދް ޒާހިރަށް ފޮނުވައިފިއެވެ.
ޢިލްމުވެރިންގެ މި ޕެޓިޝަނުގައި ވިދާޅުފައިވަނީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އޮތް ޤައުމެއް ކަމަށާއި، މިއީ ﷲތަޢާލާ މިވަޠަނަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. އަދި މިނިޢުމަތް ނިގުޅައިގަތުމަށް ދީނުގެ ޢަދާވާތްތެރިން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންކަމަށާއި އެގޮތުން މިޤައުމު އަޅުވެތިކުރުމާއި މިޤައުމުގެ ދަރިންގެ ހިތުގައި ދީނާއި މެދު ޝައްކުތައް އުފެއްދުމާއި މިފަދަ އެތައްކަމެއް ކުރަމުން ދާކަމަށެވެ.
އަދި މިކަންތައްތައް ކުރަނީ ތަފާތު އެކި ނަންނަމުގައި ކަމަށާއި އެގޮތުން ބައެއް ފަހަރު ދިވެހިންގެ ތެރޭގައި ދީނުގެ ޢިލްމާއި މަޢުރިފާ ރަނގަޅަށް ލިބިފައި ނެތް ބައެއް ޒުވާނުން ލައްވާ އެކިއެކި ޙައްޤުތަކުގެ ނަމުގައި ލާދީނީ ތަފާތު ފިކުރުތައް ފަތުރަން މަސައްކަތް ކުރާކަމީ މިއަދު އިންކާރު ކުރެވެން ނެތް ޙަޤީޤަތެއް ކަމަށެވެ.
"އެގޮތުން އެމް.ޑީ.އެން އޭ ކިޔާ މަދަނީ ޖަމްޢިއްޔާއަކުން އިސްލާމްދީނާ ޚިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ 2019 ވަނަ އަހަރު ފަހުކޮޅު ފެންމަތިވެ މުޅި ރާޢްޖޭގެ ސަމާލުކަމަށް އައެވެ. މިމައްސަލަ ތިޔަ މިނިސްޓްރީއިން ވަނީ، ބަލައި ތަޙްޤީޤުކުރުމަށް ޕޮލިހަށް ހުށައަޅުއްވާފައެވެ. އަދި އޭރު ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް، އެކި ރަށްރަށުގަޔާއި މާލޭގައިވެސް އިޙްތިޖާޖުކުރުމުގެ ސަބަބުންނާއި ތިޔަ މިނިސްޓްރީއިންވެސް ކުރެއްވި އެތައް މަސައްކަތާއި އެކު، 19 ޑިސެމްބަރ 2019 ގައި މިނިސްޓްރީ އޮފް ޔޫތުއިން ވަނީ އެޖަމްޢިއްޔާގެ ނަން ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލާފައެވެ." ޢިލްމުވެރިންގެ ޕެޓިޝަނުގައި ވެއެވެ.
އޭގެ ފަހުން 365 ދުވަސް ފާއިތުވިއިރުވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި މެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނިންމިކަމެއް ޕޮލިހުން ހާމަކޮށްފައެއް ނުވާކަމަށާއި، އަދި މިކަމުގެ މަޢުލޫމާތުވެސް އެއްވެސް ފަރާތަކަށް ހިއްސާކޮށްފައެއްވެސް ނުވާކަމަށް ޕެޓިޝަނުގައި ވެއެވެ.
އަދި މިކަމަކީ ކޮންމެ މުސްލިމް ރައްޔިތަކުވެސް އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގައި ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ތިޔަ މިނިސްޓްރީއިން ދެއްވާފައިވާ ފަރާތްތަކުގެ ހައިޘިއްޔަތުން އެބޭފުޅުން ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޕެޓިޝަނުގައި ވިދާޅުވެފައި ވެއެވެ.
އަދި މިމައްސަލައިގެ ތަޙްޤީޤު ގޮސްފައިވާ ހިސާބެއް ފުލުހުންގެ ކިބައިން ބައްލަވާ އެބޭފުޅުންނަށް ހާމަކޮށްދެއްވުމަށް އެދި ވަރަށް އިސްލާމިކް މިނިސްޓަރގެ އަރިއަހުން ޢިލްމުވެރިން އެދިވަޑައިގެން ފައިވެއެވެ.
ޝައިޙް އާދަމް ނިޝާން ޢިލްމުވެރިންގެ ފަރާތްޕުޅުން ފޮނުއްވާފައިވާ މި ޕެޓިޝަނުގައި ރާއްޖޭގެ ވިހި ދީނީ ޢިލްމު ވެރިއަކު ސޮއެ ކުރައްވައިވައިފައިވެއެވެ.
ޚިޔާލު