ރާއްޖޭގެ ޚަބަރު

ކްރިސްމަސް ފާހަގަ ނުކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި

ނަޞާރާއިން ޢީދެއްގެ ގޮތުގައި ފާހަގަ ކުރާ ކްރިސްމަސް ފާހަގަ ނުކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވައިލައިފިއެވެ.

ޢިލްމުވެރިންގެ ގުޅުމުން މިހެން ގޮވާލައްވައިފައި މިވަނީ އެގުޅުމުން ނެރެފައިވާ ބަޔާނެއްގައެވެ. މިބަޔާނުގައި ވިދާޅުވެފައި ވަނީ ނަޞާރާއިން ފާހަގަ ކުރާ ކްރިސްމަސް ފާހަގަ ކުރުމާއި ޣައިރު ދީންތަކުގެ އެނޫން ބާޠިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށެވެ.

 

ދިވެހިރާއްޖޭގެވެސް އެކި ރިސޯޓުތަކުގަޔާއި ގެސްޓު ހައުސް ތަކުގައި ވެސް ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށްދާ ދަނޑިވަޅެއްގައި ޢިލްމުވެރިންގެ ގުޅުމުން މިވަނީ ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ރައްޔިތުންނަށް އިލްތިމާސްކުރަށްވާފައެވެ.

އެ ޖަމްޢިއްޔާއިން އިން ވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކޮށް އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެގުމަށް ވެސް ގޮވާލާފަ އެވެ.

އަދި މިބަޔާނުގައި އެފަދަ ކަންކަން ދިވެހި މުޖުތަމަޢުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަކަމެއް ހިނގަމުން ދާނަމަ ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުޢީ އަދި ޤާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށް ވެސް އިލްތިމާސްކުރެ އެވެ. އަދި މީސްތަކުންނަށް އެކަމުގެ ނުބައިކަން އަންގައިދީ މަޢުލޫމާތު ހިއްސާ ކުރަމުން ގެންދިއުމަށް ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދި އެފަދަ މުންކަރާތްތައް ހިނގަމުން ދާއިރު، އެކަން އެނގިތިބެ އެކަންކަން ވަންހަނާ ކުރުމަކީ އެންމެ އާދައިގެ ރައްޔިތުންގެ ޙައިސިއްޔަތުން ވިސްނާލަންޖެހޭނެ ކަމެއްކަމަށް އެބަޔާނުގައި ވެއެވެ. އަދި އެއީ އެފަދަ ކަންކަން ޢާންމުވެ މި ބިމުގައި އެކަންކަން މޫލުމަށް ދެވޭ ފުރުޞަތަކަށްވުމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހަނދުމަބަހައްޓަން ޖެހޭނެ ކަމުގައިވެސް އެބަޔާނުގައި ވެއެވެ.

މިބަޔާނުގައި އިތުރަށް ޢިލްމުވެރިން ވިދާލުވެފައިވަނީ މާތްﷲ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމަށާއި އެގޮތުން ދުނިޔޭގެ ޙަޔާތް ނިމިގެން ދާއިރު އެ އިލާހުގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި އެ އިލާހުގެ ހަޟްރަތަށް އެނބުރި ދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ބަޔާނުގައި ބުނީ ﷲ ތަޢާލާއާއި އެހެން ފަރާތްތައް އެއްފަދަ ކުރުމާއި، އެއިލާހަށް ކުއްތަންވުމުގައާއި އަޅުކަން ކުރުމުގައި އެހެން ފަރާތްތައް ބައިވެރިކުރުމާއި، އެއިލާހުގެ އަމުރުފުޅުތަކާއި އަދި ކަނޑައަޅުއްވާފައިވާ އުސޫލުތަކުގެ މައްޗަށް އެހެން ފަރާތްތަކުގެ ބަހާއި ގޮތްތައް އިސްކުރުމަކީ ﷲ ތައާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އަދި އެންމެ އަނިޔާވެރިކަން ބޮޑުވެގެންވާ ޖަރީމާ ކަމަށެވެ.

އެހެންކަމުން، މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ އެކަންކަމުގެ ދިފާއުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ އަމަލުތައް ހިމެނިގެންވާފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއް ކަމަށެވެ.

އަދިވެސް މިބަޔާނުގައި ވެއެވެ."އެހެންކަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ރިޒުޤު ހޯދުމަށް އިޚްތިޔާރުކުރާ މަގަކީ، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން ރައްކާތެރިވެފައިވާ، އަދި އެކަލާނގެ ރުހިވޮޑިގަންނަވާ ފަދަ މަގެއްކަމުގައި މަގެއް ކަމުގައި ހަދަން ޖެހެއެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *