އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ފަރާތުން ކުރިއަށްގެންދާ އިޤްރައު ފޮތް މަޢުރަޒު 2020 ގައި ކިއުންތެރިންނަށް އަމާޒުކޮށް 2 މުބާރާތެއް ފަށައިފި އެވެ.
އައިޔޫއެމްއިން ފެށި މި ދެމުބާރާތަކީ ފޮތް ޚުލާސާ ކުރުމުގެ މުބާރާތަކާއި ފޮތް ރިވިޔު ލިއުމުގެ މުބާރާތެކެވެ.
އައިޔޫއެމްއިން މިދެމުބާރާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ވިދާޅުވީ، ފޮތް ޚުލާސާ ކުރުމުގެ މުބާރާތުގެ މަޤްޞަދަކީ ލިޔުންތެރިންގެ ލިޔުންތައް ކިޔުމަށްފަހު، އޭގައި ހިމެނޭ މަޢުލޫމާތުތަކުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެލިޔުމެއްގެ މައިގަނޑު ހުރިހާ ޕޮއިންޓުތައް ހިމަނައިގެން ސާފު ޢިބާރާތުން ލިޔުމެއް ޚުލާސާ ކޮށް ހުށަހެޅުންކަމަށެވެ. މި މުބާރާތުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ވެސް ޚުލާސާ ކުރެވޭނެކަމަށެވެ. ފޮތުގެ ޚުލާސާ ހުށަހަޅާނީ އެފޮތެއް ލިޔެފައިވާ ބަހަކުންނެވެ.
ފޮތް ޚުލާސާ ކުރުމުގެ މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތް
- މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ.
- ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 ފޮތުގެ ޚުލާސާއެވެ.
- އިޤްރައު ޚުލާސާ މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުންނެވެ.
- މުބާރާތުގައި ޚުލާސާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ10 ޖެނުއަރީ 2021 އެވެ.
- ވަނަތައް ހޮވޭނީ، އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށް އިސްކަން ދޭ ތަރުތީބުންނެވެ.
- މުބާރާތުގައި އިނާމު ދިނުމަށް ކަޑައެޅިފައިވަނީ 1ވަނަ 2ވަނަ އަދި 3ވަނައަށެވެ. މުބާރަތުން 1ވަނައަށް އަންނަ ފަރާތަކަށް -/900 ރުފިޔާ (ނުވަސަތޭކަ ރުފިޔާ) އަދި ދެވަނައަށް އަންނަ ފަރާތަކަށް -/700 ރުފިޔާ (ހަތްސަތޭކަ ރުފިޔާ) އަދި 3ވަނަ އަށް އަންނަ ފަރާތަކަށް -/400 ރުފިޔާ (ހަތަރުސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.
- މުބާރާތުގައި ޚުލާސާ ކުރަންހަމަޖެހިފައިވާ ފޮތްތަކުގެ ލިސްޓެއް ބުކްފެއަރގެ ވެބްސައިޓްގައި ހިމެނިފައިވާނެއެވެ.
- މުބާރާތުގެ ނަތީޖާ އިޢުލާން ކުރެވޭނެ ތާރީޚެއް 2021 ފެބްރުއަރީ މަހު ޢާއްމު ކުރެވޭނެއެވެ.
ފޮތް ރިވިޔު ލިއުމުގެ މުބާރާތުގެ މަޤްޞަދެއްކަމަށް އެފަރާތުން ހާމަކޮށްފައިވަނީ، ލިޔުންތެރިންގެ ލިޔުންތައް ރިވިޔު ކުރުމަށްފަހު، އޭގައިހިމެނޭ އޮށްޓަރަށާއި، އޭގެ ވައްޓަފާޅި، އަދި މޮޅު/ދެރަ މިންކުރުމަށްފަހު، ލިޔުންތެރިންގެ މަސައްކަތަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުންކަމަށެވެ.
މި މުބާރާތުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ރިވިޔު ކުރެވޭނެކަމަށާއި ފޮތުގެ ރިވިޔު ހުށަހަޅާނީ އެފޮތެއް ލިޔެފައިވާ ބަހަކުންކަމަށް އެފަރާތުން ހާމަކުރެއެވެ.
ފޮތް ރިވިޔު ލިއުމުގެ މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތް
- މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ.
- ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 ފޮތުގެ ރިވިއުއެވެ.
- އިޤްރައު ބުކްރިވިއު މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުންނެވެ.
- މުބާރާތުގައި ބުކްރިވިއު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ10 ޖެނުއަރީ 2021 އެވެ.
- ވަނަތައް ހޮވޭނީ، އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށް އިސްކަން ދޭ ތަރުތީބުންނެވެ.
- މުބާރާތުގައި އިނާމު ދިނުމަށް ކަޑައެޅިފައިވަނީ 1ވަނައަށް 1500/- ރުފިޔާ، 2ވަނައަށް1000/- ރުފިޔާ އަދި 3ވަނަ 500/- ރުފިޔާ އެވެ.
- މުބާރާތުގައި ރިވިއުކުރަން ހަމަޖެހިފައިވާ ފޮތްތަކުގެ ލިސްޓެއް ބުކްފެއަރގެ ވެބްސައިޓްގައި ހިމެނިފައިވާނެއެވެ.
- މުބާރާތުގެ ނަތީޖާ އިޢުލާން ކުރެވޭނެ ތާރީޚެއް 2021 ފެބްރުއަރީ މަހު ކުރެވޭނެއެވެ.
https://iqra.com.mv/competition/
ޚިޔާލު