އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރޒް ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލާފައިވާ މައްސަލައިގައި އެކުންފުނިން މީހުން ޢުމްރާއަށް ގެންދިއުޔުމަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ނިންމައިފިއެވެ.
މިއީ މިކުންފުނިން ބަޔަކަށް މިގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ. އެގޮތުން މި އަހަރުގެ މެއި މަހު ވެސް މިފަދަ މައްސަލައަކާ ގުޅިގެން އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް 130،000 ރުފިޔާއިން ޖޫރިމަނާ ކުރެވުނެވެ. އޭގެ ފަހުން، މި މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކު ޢުމްރާއަށް ނުގެންދިއަ މައްސަލައެއް ފެންމަތިވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަސްކޮއި ގްރޫޕުގެ ޙަވާލުގައި ޢުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާފައިވާ ފަރާތްތައް ޢުމްރާއަށް ފުރަން ހަމަޖެހިފައިވާކަން އެންގުމަށްފަހު ސަޢޫދީ އަރަބިއްޔާގެ މިވަގުތުގެ ހާލަތާއި ގަލްފުގެ ނުރައްކާތެރިކަމުގެ ސަބަބުން ދަތުރު ފަސްކުރަން ޖެހިފައިވާ ކަމަށް އެގްރޫޕުން ބުނެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ފަރާތްތަކަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ޕާސްޕޯޓާއި ލިޔެކިޔުންތައް ހޯދުމަށް ކުންފުނީގެ އިސްވެރިންނާ ގުޅަން މަސައްކަތް ކުރިނަމަވެސް އެއްވެސް ޖަވަބެއް ލިބިފައި ނުވާ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އެހެންކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފަށް އަސްކޮއި ގްރޫޕުން އަމަލުކޮށްފައިވާތީ، އެ އުސޫލުގެ ދަށުން ކުންފުންޏާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެ ފިޔަވަޅުތަކަކީ:
- އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
- ޖޫރިމަނާކުރުން.
- އަސްކޮއި ޓްރެވަލް ސާވިސް ކުންފުންޏާއި، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން.
- ޖުލައި 2025ގެ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން އެންގުން.
- މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން.
މިފިޔަވަޅުތައް ތަންފީޒުކުރުމަށް އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އެއްވެސް ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.
އަސްކޮއި ގްރޫޕަށް ފިޔަވަޅު އަޅާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ އެގްރޫޕާ ދެމެދު އޮތް އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން އެ ގްރޫޕުން 130،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހިފައިވެއެވެ. މީގެ އިތުރުން، މި އަހަރުގެ ރަމަޟާން މަހު އުމްރާ ދަތުރަށް ކުރިއާލާ ފައިސާ ދެއްކި ފަރާތައް، އުމްރާއަށް ނުގެންދިއުމާ ގުޅިގެން އެފައިސާ އަނބުރާ ރައްދުކުރުމަށްވެސް އޭރު އަންގާފައިވާކަން ފާހަގަކުރެވެއެވެ.
ޚިޔާލު