ރާއްޖޭގެ ޚަބަރު

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަންއަށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި

އްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ އަތޮޅުތެރޭގައި ޤާއިމްކުރެވޭ ފުރަތަމަ ވަޤުފް މަޝްރޫޢުކަމުގައިވާ އައްޑޫ ވަޤްފު މަޝްރޫޢެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭގައެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން އިބްރާހިމް ފަސީހުއެވެ.

މި ވަޤްފު މަޝްރޫޢަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ އިމާރާތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 20 މިލިޔަން ރުފިޔާއެވެ. މި މަޝްރޫޢު ނިމުމާއެކު އައްޑޫގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް، ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢުއެކެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ރައީސް ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.

އަތޮޅުތަކުގައި ޤާއިމް ކުރެވޭ މިފަދަ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *