ގއ. ވިލިނގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ވަޤުފް އިމާރާތުގެ މަސައްކަތް، ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢަކީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެވުނު މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ވަޤުފް މަޝްރޫޢަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ މި ޢިމާރާތުގެ ޖުމްލަ އަގަކީ 10 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ. މި މަސައްކަތް ނިމުމާއެކު ގއ. ވިލިނގިއްޔާއި އެ އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
އަތޮޅުތަކުގައި ޤާއިމް ކުރެވޭ މިފަދަ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

















advertisment
ޚިޔާލު