ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމުގެ މުހިއްމު މަޝްރޫޢު، ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ހަސަންއެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޔޫނުސް އިބްރާހިމްއެވެ.
މި މަޝްރޫޢުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމުގެ އިތުރުން، ޤުރުއާން ސެންޓަރެއްވެސް ޤާއިމްކުރެވޭނެއެވެ. މި ސެންޓަރުގައި ޒަމާނީ ކުލާސްރޫމާއި ލައިބްރަރީ އަދި ކޮންފަރެންސް ހޯލެއް ހިމެނެއެވެ. މީގެ އިތުރުން އިދާރީ އޮފީސް ބަޔާއި މައްޔިތާ ހިނަވާގެ ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން ވައިކަރަދޫގެ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފުޅާވެ، ތަޢުލީމީ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

















advertisment
ޚިޔާލު