ކ. ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ، ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ. އަދި އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ މިސްކިތްތަކަކީ 500 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ. މި މިސްކިތްތަކުގައި ކުލާސްރޫމާއި ލައިބްރަރީގެ އަންހެނުންނާއި ފިރިހެނުންނަށް ވަކި ވުޟޫ ކުރާ ބަޔާއި ހިނަވާގެ ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މިސްކިތްތަކުގައި ސޯލާ ނިޒާމު ޤާއިމްކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށްދާ، މުހިއްމު މަޝްރޫޢުތަކެކެވެ. އިސްލާމީ ދާއިރާއިން މި ސަރުކާރުގެ ދައުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މިހާރު އެކި ކުންފުނިތަކާއި ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތައް ނިމި، އެ ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި މިސްކިތުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

















advertisment
ޚިޔާލު