ށ. ބިލެތްފަހި، ބ. ކަމަދޫ، ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވުނީ، ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ. މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް ޢަބްދުﷲ ސަޢުދާންއެވެ. އަދި އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.
އިމާރާތްކުރެވޭ މިސްކިތްތަކަކީ 300 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ. މި މިސްކިތްތަކުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ބައި ހިމެނޭނެއެވެ. މީގެ އިތުރުން، ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް މިސްކިތުގެ އެތެރޭގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތްތަކުގައި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ނިޒާމު ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޠާސީ ދައުރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ވަޢުދުވެލައްވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެެކެވެ. މި މަސައްކަތްތަކުގެ ސަބަބުން މި ރަށްރަށުގެ ރައްޔިތުންނަށް އިސްލާމީ އަޅުކަންތައް ފުޅާ ދާއިރާއެއްގައި އަދާކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

















advertisment
ޚިޔާލު