ތުރުކީވިލާތުން ޙަމާސްގެ ސަރުކާރަށް 300 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
ތުރުކީގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ތުރުކީގެ ބޮޑު ވަޒީރު ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވައި ޣާޒާގައި ހުންނަވާ ޙަމާސްގެ ބޮޑު ވަޒީރު އިސްމާޢީލް ޙަނިއްޔާ އަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ތުރުކީ ވިލާތުން ޙަމާސްގެ ސަރުކާރަށް 300 މިލިއަން ޔޫ.އެސް ޑޮލަރު ދޭން ނިންމާފައިވާ ކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.
300 މިލިއަން ޔޫއެސް ޑޮލަރުގެ ޚާއްޞަ އެހީ ޙަމާސްގެ ސަރުކާރަށް ފޮނުވުމަށް ތުރުކީގެ ފައިނޭންސް މިނިސްޓްރީއަށް އުރުދުޣާން މިހާރު ވަނީ އަންގަވާފައެވެ.
ތުރުކީގެ ފަރާތުން މި ކުއްލި އެހީ ލިބިގެން މިދަނީ ވަރަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ޙަމާސްގެ ސަރުކާރަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޙަމާސްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ ޚާލިދް މަޝްޢަލް ތުރުކީ އާއި ޙަމާސް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ގޮވައިލެއްވި ގޮވައިލުމަށް ބޮޑުވަޒީރު އުރުދުޣާން ވަނީ ވަރަށް ފުރިހަމައަށް އިޖާބަ ދެއްވާފައެވެ.
މަޝްޢަލް ވިދާޅުވިގޮތުގައި މި ދުވަސްކޮޅު ޙަމާސްއަށް ލިބެމުން އަންނަ މާލީ އެހީތައް ވަނީ މަދުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރަށް އަންދާޒާކޮށްފައިވާ 540 މިލިއަން ޑޮލަރުގެ ބަޖެޓަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް ތުރުކީވިލާތުން ދޭން ހަމަޖެއްސި މިއެހީ ވެގެންދާނެއެވެ.
ތުރުކީގެ މީޑިއާތަކުން ބުނާގޮތުގައި ސޫރިޔާ އާއި ތުރުކީގެ ގުޅުން މިވަގުތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އިސްމާޢީލް ޙަނިއްޔާ ތުރުކީ އަށް ކުރައްވަން އޮތް ދަތުރުފުޅު މިވަގުތަށް ވަނީ ފަސްކުރެވިފައެވެ.
_______________________
މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...