މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް އިސްލާމީ ތަޢުލީމު ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އިފްތިތާހު ކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި ގުޅިގެންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ޚާއްސަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމަޢުގައި ލޯތްބާއި، ޤަދަރާއި އިޙްތިރާމް ލިބިފައިވާ ބައެއް ކަމަށެވެ.
އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ޢަމަލުތަށް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމަޢުގެ ފަރުދުންނަށް ރިވެތި އަޚްލާޤް ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި ވިދާޅުވިއެވެ.
އަދި، މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި މިހާރަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެ މަނިކުފާނު އިމާމުންނާއި މުދިމުންނަށް ގޮވާލެއްވިއެވެ.
ނައިބް ރައީސް ފައިސަލް ވަނީ މި ޕްރޮގުރާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިމާމުންނާއި މުދިމުންނަށް ގޮވައިލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...