ދިވެހި ރާއްޖޭގައި އިސްލާމިކް ބޭންކެއް ހުޅުވުނުތާ މަހެއްވެސް ނުވަނީސް ރާއްޖެފަދަ ޖަޒީރާ ޤައުމެއްކަމަށްވާ މޮރިޝަސްގައިވެސް އިސްލާމިކް ބޭންކެއް ހުޅުވައިފިއެވެ. މިއީ އެޤައުމުގައި ބޭންކިންގ ވިޔަފާރި ކުރުމަށް ހުއްދަ ދެވުނު 20 ވަނަ ބޭންކެވެ.
މޮރިޝަސްގެ މަރުކަޒީ ބޭންކް ކަމަށްވާ ބޭންކް އޮފް މޮރިޝަސްގެ ގަވަރނަރ ރުންދީރސިންގ ބީނިކް ހާމަކުރެއްވި ގޮތުގައި އޭނާ 2007 ވަނަ އަހަރު މަޤާމާ ޙަވާލުވީއްސުރެ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގާ ބޭންކިންގ މޮރިޝަސްއަށް ތަޢާރަފުކުރެއްވުމަށް ގެންދެވީ މަސައްކަތްކުރައްވަމުންނެވެ. "ދާދިފަހުން ދުނިޔެއަށް ކުރިމަރިވި މާލީ މައްސަލަތަކުގައި ކޮންވެންޝަނަލް (ރިބާގެ) ބޭންކްތަކަށްވުރެ އިސްލާމީ ބޭންކްތަކުގެ ފުރިހަމަކަން ފެނިގެންދިޔަ" އޭނާ ހާމަކުރެއްވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވިގޮތުގައި ކުޑަ މާކެޓެއްގެ ގޮތުގައި އިސްލާމީ މާލީ ނިޒާމު އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ ބަދަލުގައި ޤައުމުތަކުގެ ވިޔަފާރީގެ ނިޒާމުގައި ވާދަކުރެވޭ ފެންވަރަށް މިނިޒާމުވަނީ ތަރައްޤީވެފައެވެ. އެހެންކަމުން މޮރިޝަސްފަދަ ދީނީ، ނަސްލީ އަދި ބަހާއި ސަގާފީ ތަފާތުތައް ހުރި ޤައުމަކަށް އިސްލާމީ މާލީ ނިޒާމާ ނުލާ ކުރިއަށް ނުދެވޭނޭކަމަށްވެސް އޭނާ ވިދާޅުުވިއެވެ. އިސްލާމީ މާލީ ނިޒާމްގެ އަގު ވަނީ އެއް ޓްރިލިއަން އެމެރިކާ ޑޮލަރ ފަހަނައަޅާފައެވެ. އަދި މިއީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ފުޅާވަމުންދާ މާލީ އެއް މާކެޓެވެ.
މަޞްދަރު: ދަ ޓެލެގްރާފް

ކޮމެންޓް (0)
ލޯޑް ކުރަމުން...