އަލްޙާފިޡް މުޙައްމަދު އަޙްމަދަކީ ކ މާލޭ ޒީނިޔާމާ ގޭ ސައްޔި އަޙްމަދާއި ހދ ކުޅުދުއްފުށީ ބާބުލްއަވާލީގެ ޙަދީޖާ ޙުސައިންގެ 7ދަރިންގެ އެންމެ ދޮށީ ދަރިފުޅެވެ. ޢުމުރުން 35އަހަރުގެ މުޙައްމަދަކީ 2011ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ހޯއްދަވާފައިވާ ޙާފިޡެކެވެ.
އަލްޙާފިޡް މުޙައްމަދު އަޙްމަދު ކީރިތި ޤުރުއާން ހިތުދަސް ކުރަން ފެއްޓެވީ އުމުރުން 15އަހަރުފުޅުގައެވެ. ޤުރުއާން ހިތުދަސް ކުރެއްވުމަށް ޝައުޤުވެރިކަން އުފެދިވަޑައިގަތީ ބައްޕަގެ އެދިވަޑައިގަތުކަމަކަށް ޕާކިސްތާނަށް، ޤުރުއާން އުގެނިވަޑައިގަތުމަށް ވަޑައިގެން އުޅުއްވިއިރުއެވެ. މުޙައްމަދު ޤުރުއާން ހިތުދަސް ޙާފިޡްކަށް ވެވަޑައިގަތުމަކީ މުޙައްމަދުގެ މަންމަ އާއި ބައްޕަގެ ހުވަފެން ފުޅަކަށް ވުމަކީ އެކަން ކުރުމަށް ޝައުޤުވެރިކަން އުފެދުނު ސަބަބުކަމަށް މުޙައްމަދު ވިދާޅުވިއެވެ.
ޤުރުއާން ހިތުން ދަސްކުރެއްވުމަކީ ޕާކިސްތާނަށް ވަޑައިގެންނެވުމުގެ ކުރިން ކުރައްވަން ހިތުލެއްވެވި ކަމެއްވެސް ނޫންކަމަށް އަލްޙާފިޡް މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ. ޤުރުއާން އުގެނިވަޑައިގަތުމަށް ޕާކިސްތާނަށް ގޮސް އުޅުއްވި ދުވަސްވަރަކީ ވަރަށް އުނދަގޫ ދުވަސްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ކޮޅު ހިތުދަސް ކުރެއްވުމަށް ވަރަށް އުނދަގޫ ވެލެއްވި ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
ސަބަބަކީ ފުރަތަމަ ފެއްޓެވިއިރު ރަނގަޅަށް މުސްޙަފް ބައްލައިގެން ވެސް ކިޔުއްވަން އެނގިނުލެއްވުމެވެ. އެކަން ފަސޭހަ ކުރެއްވުމަށްޓަކައި ފަރިތަކޮށް ކިޔަވާ ކުއްޖެއްލައްވައި ދެތިން ފަހަރު ކިޔުއްވައި އަޑުއެއްސެވިއެވެ. އަދި އެގޮތަށް ކިޔުއްވާއިރު މައްދު ކުރާ ތަންތަނާއި ޢުންނަ ކުރެވޭ ތަންތަން ފާހަގަ ކުރެއްވެވިކަމަށް މުޙައްމަދު ވިދާޅުވިއެވެ.
ޕާކިސްތާނުގައި ކިޔަވައި ވިދާޅުވި ދުވަސްވަރުގެ ހަނދާންތަށް އާކުރައްވަމުން މުޙައްމަދު ވިދާޅުވީ ޤުރުއާން ކިޔެވުމަށް ވަކި ގޮތަކަށް އިށީނދެ ތިބެންޖެހޭ ޖެހުމަކީ އާދަކުރަން އުނދަގޫފުޅުވި ކަމެއްކަމުގައެވެ. ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ އެކަމަށްވެސް ހޭނިވަޑައިގަތެވެ. ފުރަތަމަ ކޮޅު ހިތުދަސް ކުރަން އުނދަގޫ ވެލެއްވިއަސް ﷲގެ ރަޙްމަތް ފުޅުން ހިތުދަސް ކުރައްވަން ފަސޭހެވަ ހިތް އަލިވާން ފެށިއެވެ. ފުރަތަމަ ދަސްކުރައްވަން ފެއްޓެވިއިރު ދުވާލު އެއްކޮށް ކިޔަވައިގެން 5އާޔަތް ދަސްވިނަމަވެސް ފަހުން ފަސޭހަކަމާއި އެކު ދަސްކޮށްލެވޭ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.
ކިޔަވައި ވަޑައިގަތް ދުވަސް ވަރުގެ ވާހަކަތަށް ހިއްސާ ކުރައްވަމުން އިތުރަށް މުޙައްމަދު ވިދާޅުވީ ފިނި މޫސުމުގައި ރޭގަނޑު ދިގުވާތީ ފަތިސް ނަމާދުގެ ކުރިން އެއްގަޑިއިރު ކްލާސް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފަތިސް ނަމާސު ފަހުން 30މިނެޓު އަނެއްކާވެސް ކްލާސް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފިލާވަޅު ދަސް ނުވާނަމަ އަދަބެއްގެ ގޮތުން ގުދަށް ބާއްވާ ކަމަށާއި ކިޔައި ދެއްވަމުން ދާއިރު ކުށް ކިޔުއްވޭނަމަ އުސްތާޒް ދަނޑިބުރިން ޖައްސަވާ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ އަދިވެސް އޭރު ފިލާވަޅު ކިޔައިދެއްވި އިރު ކިޔުއްވުނު ކުށް ތަށް ހަނދުމަހުރި ކަމަށެވެ. ގަޑިއަށް ކްލާހަށް ވަޑައިނުގަންނަވާނަމަވެސް އަދަބު ލިބޭކަމަށް މުޙައްމަދު ވިދާޅުވިއެވެ.
އަލްޙާފިޡް މުޙައްމަދު އަޙްމަދު ދެކިލައްވާ ގޮތުގައި ޙާފިޡަކަށް ވެވުމަކީ ދިރިއުޅުމުގައި ޙާސިލް ކުރެއްވެވުނު އެންމެ ރަނގަ އެންމެ ބޮޑު ކަންތައް
މިހުރިހާ ކަންކަމަކާއި އެކުވެސް 3އަހަރާއި ބައިން މުޙައްމަދު ކީރިތި ޤުރުއާން ހިތުދަސް ކޮށް ނިންމަވައިލެއްވިއެވެ.
މިހާރު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ކުޑަ ކުދިންނާއި ބޮޑެތި ބޭފުޅުންނަށް ޤުރުއާން ހިތުދަސްކޮށްދެއްވާ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުޙައްމަދު ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީވެސް ހާސިލް ކުރައްވައިފައެވެ.
އަލްޙާފިޡް މުޙައްމަދު އަޙްމަދު ދެކިލައްވާ ގޮތުގައި ޙާފިޡަކަށް ވެވުމަކީ ދިރިއުޅުމުގައި ޙާސިލް ކުރެއްވެވުނު އެންމެ ރަނގަ އެންމެ ބޮޑު ކަންތަކެވެ. އަދި އެކަމުގެ ސަބަބުން އެހެން ޢިލްމުތަށް ޙާސިލް ކޮށް ދަސްކުރުމަށް ފަސޭހަވެގެން ދިޔައެވެ. އަދި ދިރިއުޅުމަށް ވެސް އެކަމުގެ ސަބަބުން ފައިދާތަކެއް ވެގެން ދާކަމަށް މުޙައްމަދު ވިދާޅުވިއެވެ. އަދި މުޙައްމަދަކީ ޤުރުއާން މުދައްރިސަކަށް ވުމުން އެމަސައްކަތަށްވެސް ފަސޭހަވެގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަޤްބަލަށް މިދާއިރާއިން ކުރާ އުންމީދަކީ މުޙައްމަދުގެ ކިބައިން ވީހާވެސް ގިނަ ދަރިވަރުން ޤުރުއާން ހިތުދަސް ކުރުންކަމަށް މުޙައްމަދު ވިދާޅުވިއެވެ. އަދި ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް އުސްތާޒެއްގެ ހައިސިއްޔަތުން ވިދާޅުވީ ޤުރުއާން ހިތުދަސް ކުރުމުގައި ރަނގަޅަށް ދަސްނުވަނިސް މުދައްރިސަށް ފިލާވަޅު ކިޔައިނުދިނުމަށެވެ. އަދި ދަސް ކުރުމުގައި ރަނގަޅަށް އަކުރުތަކާއި ފިލިތަކަށް ބަލައިގެން ދަސްކުރުމަށާއި، އަވަސް އަރުވައިނުލައި ފަރުވާތެރިކަމާއި އެކު ދަސްކުރުމަށެވެ. އަދި ދަސްކުރާބައި ރަނގަޅަށް މުރާޖަޢާ ކުރުމަށް ވިދާޅުވިއެވެ. ކިޔަވައި ދެއްވާ މުދައްރިސުންނަށް އިޚްތިރާމް ކުރާ ބަޔަކަށް އަބަދުވެސް ވުމަށް ވިދާޅުވިއެވެ. އަދި އެބޭފުޅުން ދެއްވާ ނަސޭޙަތާއި އިރުޝާދު އަބަދުވެސް އަޑުއަހައި ޤަބޫލު ކުރުމަށް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...