އަޒަރުބައިޖާނާއި އަރްމޭނިއާ އާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަށް ނިމުމަކަށް ގެނެސް ސުލްޙަވެރި ކަމާއި އެކު އެހަމަނުޖެހުން ހުއްޓައިލުމަށް އެދެޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.
ނަގޯނޯކަރަބަޚް ސަރަހައްދުގައި ހަ ހަފުތާއަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓައިލާ ހަމަލާ ބަދަލުކުރުން ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމަށް އަރުމޭނިއާ އަދި އަޒަރުބައިޖާނުން މި ސުލްޙއިގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މިކަމާއި ޚިޔާލުތަފާތުވެފައިވާ ސަރަހައްދަށް ރަޝިޔާގެ ފަރާތުން ޞުލްޙަ ބަލަހައްޓަން ސިފައިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ސުލްޙައިގެ މިއެއްބަސް ވުމާއި ހަމައަށް ވާސިލުވެފައިވަނީ އިސްތިރާޖީ ގޮތުން މުހިއްމު ޝަހަރެއް އަޒަރްބައިޖާނުގެ ބާރުގެ ދަށަށް ގެނައިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެ ސަރަހައްދުގައި އަޒަރުބައިޖާނުގެ ނުފޫޒު ގަދަވެ، ކަރަބަކް ސަރަހައްދުގެ ބޮޑު ބައެއް އެ ޤައުމުގެ އަތް ދަށަށް ގޮސްފައިވުމުން، އެ ސަރަހައްދުގެ މައްޗަށް އޮތް އަރުމޭނިއާގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމުގައި މުޙައްލިލުން ވަނީ ވިދާޅުވެފައެވެ..
މި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ތަކުގެ ސަބަބުން އެތަށް ހާސްބަޔަކު ވަނީ މަރުވެގެން ގޮސްފައެވެ. އަދި ކަރަބަކް ސަރަހައްދާއި އެ ސަރަހައްދުގެ ވަށައިގެން ހުރި އެކި ސަރަހައްދުތަކުން އެތައް ހާސް ބަޔަކު މަގުމަތިވާން ޖެހިފައިވެއެވެ.
ކަރަބަކް ސަރަހައްދަކީ އަޒަރުބައިޖާނުގެ ބައެއް ކަމުގައި ދުނިޔެއިން ބަލައިގަނެފައިވާ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅެނީ ގިނައިން އަރުމޭނިއާ ނަސްލުގެ މީހުންނެވެ. އަދި އެ ސަރަހައްދުގެ ކޮންޓުރޯލު 1990ގެ ފަހުން އޮންނަނީ އަރުމޭނިއާއިން މަދަދު ލިބޭ ސަރުކާރެއްގެ އަތް މަތީގައެވެ.
މި ޙިޔާލު ތަފާތުވުން ތަކަށް އެތަށް އަހަރެއް ވެފައިވާއިރު، ޚިޔާލު ތަފާތުވުން ފާޅުކަން ބޮޑު ކުރިމަތިލުމަކަށް ބަދަލުވެގެން ދިޔައީ ބީވެފައިވާ ހުރިހާ ސަރަހައްދެއް އަނބުރާ އަޒަރްބައިޖާނުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އެ ޤައުމުން ވަޢުދުވުމާއެކުއެވެ.
އަޒަރްބައިޖާނަށް މަދަދުވެރިކަން ދެނީ ތުރުކީއިންނެވެ. އަރްމޭނިއާ އަށ އަށް ވާގިވެރިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއްބާރު އަދި އެސަރަހައްދުގެ އެންމެ ބޮޑު ބާރު ރަޝިޔާއިންނެވެ. ނަމަވެސް މިފަހުން ހިނގައިގެން މިދިޔަ ހަމަނުޖެހުންތަކުގައި ރަޝިޔާވަނީ ވަކި އަތަކަށް ބުރަނުވެ އޮތމަށް މަސައްކަތް ކޮސްފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި އެއްބަސްވުމާ ގުޅިގެން އަރުމޭނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން ވިދާޅުވީ މި އެއްބަސްވުމަކީ އޭނާއާއި އެ ޤައުމުގެ ރައްޔިތުންނަށްވެސް ވަރަށް ހިތްދަތި އެހާމެ ވޭންހުރި އެއްބަސްވުމެއް ކަމުގައެވެ. ނަމަވެސް ފުން ޢަސްކަރީ ދިރާސާއަކަށް ފަހުގައި މިއީ ސޮއިކުރަން ޖެހޭ އެއްބަސްވުމެއް ކަމުގައި ފެނުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް މި އެއްބަސްވުމާއި މެދު ވިދާޅުވެފައި ވަނީ އަޒަރްބައިޖާނުގެ ސަރަހައްދުތަކުގެ މައްޗަށް އެހެން ބަޔަކު ވެރިވެގެން ތިބޭ ތިބުން މި އެއްބަސްވުމުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމުގައެވެ.
ޚިޔާލު