ދުނިޔެ

އިސްލާމްދީނަށް ބަދުބަސް ބުނުން ޖަރީމާއަކަށް ހެދުމަށް ގޮވައިލައިފި

 

އިސްލާމްދީނަށް ބަދުބަސް ބުނުމާއި މާތް ނަބިއްޔާ صلي الله عليه وسلم އަށް ފުރައްސާރަ ކުރުން ޖަރީމާ އަކަށް ހެދުމަށް ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ އެއް ޔުނިވަރސިޓީ ކަމަށްވާ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީ އިން ގޮވައިލައިފިއެވެ.

ކީރިތި ރަސޫލާ صلي الله عليه وسلم އަށް ޖޯކުޖެހުމާއި އިސްލާމްދީނާ ޓެރަރިޒަމާ ގުޅުވުމާ އަދި އިސްލާމްދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުންފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޖަރީމާއެއް ކަމުގައި ހެދުމަށް ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ އަލްއަޒްހަރުން ގޮވާލައިފައި މިވަނީ ނަބިއްޔާ صلي الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ގޮތުން އެޔުނިވަރސިޓި އިން ނެރުނު ބަޔާނެއްގައެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلي الله عليه وسلم ގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ގޮތުން ނެރުއްވި މިބަޔާނުގައި އެޔުނިވާސިޓީގެ އެންމެ އިސް ޝައިޚް (ޝައިޚުލް އަލްއަޒްހަރު) ޑރ. އަޙްމަދު އައްޠައްޔިބު ވިދާޅުވެފައިވަނީ އިސްލާމްދީނާމެދު ހަސަދަ ލައިގެންއުޅޭ މީހުން އެކި ޤައުމުތަކުގައި އުޅޭ ކަމަށާއި އެމީހުން ނުރުހުނަސް ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދަނީ އިސްލާމްދީން ކަމުގައެވެ. އިސްލާމްދީން ފިޔަވައި އެހެން އަޤީދާތަށް ބަލިކަށިވަމުންދާ ކަމަށްވެސް ޝައިޚުލް އަލްއަޒްހަރު ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި ޝައިޙުލް އަޒްހަރު ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ މުހައްމަދު صلي الله عليه وسلمގެ ޢީދުލްމީލާދަކީ އިލާހީ ނޫރު މުޅި އިންސާނިއްޔަތަށް ފާޅުވެގެންދިޔަ ދުވަހެވެ. އަދި ވެސް ޝައިޚުލް އަޒްހަރު ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް އަދި އެނޫން ނަމެއްގައިވެސް ކީރިތި ރަސޫލާ صلي الله عليه وسلم އަށާއި އިސްލާމްދީންނަށް ޖޯކުޖަހައި ފާޑުކިޔުންފަދަ ކަންކަން ކޮށްގެން ނުވާނެކަމަށާ އެކަންކަން ބަލައި ގަނެ ޤަބޫލު ނުކުރެވޭނެ ކަމުގައެވެ.

ކީރިތި ރަސޫލާ صلي الله عليه وسلم އަށާއި އިސްލާމްދީންނަށް ޖޯކުޖަހައި ފާޑުކިޔާ ފަރާތްތަކުން އެހިންގަނީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށާއި އެކަން ބައިނަލްއަޤްވާމީ ޖަރީމާ އަކަށް ހެދުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް އިސްލާމީ ޤައުމުތަކާއި އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަށް ގުޅިގެން ކުރަން ޖެހޭ ކަމަށްވެސް ޝައިޚުލްއަޒްހަރުގެ މިބަޔާނުގައިވެއެވެ. އިސްލާމް ދީން ހިމެނޭގޮތަށް އަދި ހުރިހާ އިޢުތިގާދުތަކެއް ޝާމިލްވާގޮތަށް އެއްވެސް ބައެއްގެ ދީނީ އަޤީދާއަކަށް ޖޯކުޖެހުމާއި ފުރައްސާރަކުރުން ޖަރީމާއަކަށް ހެދުމަށް ތާއީދުކުރައްވާ ކަމަށް ޝައިޚުލްއަޒްހަރު ވިދާޅުވިއެވެ.

ސުންނީ މުސްލިމުންގެ އިސް އިލްމުވެރިޔެއްގެ ގޮތުގައި ސިފަކުރެވޭ ޝައިޚުލް އަޒްހަރުގެ މިބަޔާނުގައި މުސްލިމުންގެ ނަމުގައި ތިބެގެން އިސްލާމްދީނާއި އިދިކޮޅު ހަރުކަށި ޢަމަލުތަކާއި ޓެރަރިޒަމް ފަދަ ޖަރީމާތަށް ހިންގާ ފަރާތްތަށްވެސް ކުށްވެރި ކުރެއްވިއެވެ. އެފަރާތްތަކުން ދީނަށް ނިސްބަތްވާ ގޮތަށް އިސްލާމީ ޝިޢާރުތަށް ބޭނުންކޮށްގެން ހިންގާ ޓެރަރިޒަމްގެ ޖަރީމާތަކަކީ އިސްލާމްދީނާއި ދެކޮޅު އަދި އިސްލާމީ އުއްމަތް ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ޖަރީމާތަކެއްކަމަށްވެސް ޝައިޚުލްއަޒްހަރު ސިފަކުރެއްވިއެވެ.

ޝައިޚުލްއަޒްހަރު މި ބަޔާން ނެރުއްވާފައި މިވަނީ ކީރިތި ރަސޫލާ މުޙައްމަދު صلي الله عليه وسلم އަށް ޖޯކުޖެހުމުގެ ގޮތުން ކުރަހާފައިވާ ކާޓޫނަށް ހިތްވަރު ދީ، އަދި އިސްލާމްދީނާއި މެދު މީހުންގެ ހިތްތަކުގައި ހަސަދައާއި ނަފްރަތާ އަދި ބިރުވެރިކަން އުފައްދަން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ކުރަމުން ގެންދާ ދަށުދަރަޖައިގެ ޢަމަލުތަކާއި ގުޅިގެން މުސްލިމުން އޭނާއާއި ދެކޮޅަށް ތެދުވެ ފަރަންސޭސި އުފެއްދުންތަށް ބޮއިކަޓް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކީރިތި ރަސޫލާ صلي الله عليه وسلم އަށް ޖޯކުޖެހުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖަރީމާތަށް ބައެއް އިސްލާމީ ޤައުމުތަކުގައި މުސްލިމުންގެ ނަމުގައި އުޅޭ މީހުންގެ ފަރާތްތަކުންވެސް ދޭތެރެއަކުން ފެންނަމުން ދެއެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ހަރުކަށި ނަޞަރާ ޖަމާޢަތްތަކުންނާއި، ޔޫރަޕްގެ ދޮންމީހުންގެ މީހުންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން އެޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޖެއްސުންކޮށް މިސްކިތްތަކަށް ހަމަލާދިނުންފަދަ ނާތަހުޒީބު ޢަމަލުތަށް ހިންގަމުން ގެންދެއެވެ.

މިފަހަކަށް އައިސް މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަ ކޮށް ހަދައި އަދި އެކަމަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ފަރަންސޭސިވިލާތް ވަނީ ވެފައެވެ. ފަރަންސޭސި ވިލާތުގެ ރައީސް ވަނީ ދާދި ފަހުންވެސް އިސްލާމްދީނަށާއި ނަބިއްޔާ صلي الله عليه وسلمއަށް ޖޯކު ޖަހައި ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރުދޭނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ބުނެފައެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުން ވަނީ ފަރަންސޭސި ވިލާތުގެ މިޢަމަލުތަކަށް، ޙިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެނަމުގައި އެކަމަށް ތަރުޙީބުދީ ހިތްވަރުދީފައި ވެއެވެ.

ނަމަވެސް ޔޫރަޕްގެ ތިންކްޓޭންކުންނާއި މުފައްކިރުންނާއި ޙިކްމަތްތެރިން ގެ އިތުރުން މެދުމިނުގެ ފިކުރަށް ތާއީދު ދޮންމީހުންވެސް ގެންދަނީ މިޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ފަރަންސޭސި ރައީސް މެކްރޯން އިސްލާމްދީނަށް ފާޅުގައި ބަހުގެ ޙަމަލާތަށް ދެނީ އޭނާގެ ވެރިކަން ނާކާމިޔާބުވެ ފަރަންސޭސި ރައްޔިތުންގެ މެދުގައި އޭނާގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަށަށްގޮސްފައިވާތީވެ، މަޤްބޫލުކަން ހޯދުމަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ. ފަރަންސޭސި ރައީސް މެކްރޯންގެ ވެރިކަމުގައި އެޤައުމުގެ ކުރިއެރުން ހުއްޓި އިޤްތިސާދު ބަލިކަށިވެ މުޅި ޤައުމު ފަހަތަށް ޖެހެމުންދާކަމަށް އެޤައުމުގެ ރައްޔިތުންގެ 78 އިންސައްތަ މީހުން ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.

މެކްރޯން އިސްލާމްދީނާ ދެކޮޅަށް ހިންގަމުންގެންދާ ނާތަހުޒީބު ޢަމަލުތަކާއި ގުޅިގެން ތުރުކީގެ ރައީސް އުރްދުޣާން ވަނީ މެކްރޯންއަކީ ދުނިޔޭން މޮޔަނުވެހުރި ސިކުނޑި ހަމަނުޖެހޭ މޮޔައެއްކަމަށް ސިފަކުރައްވާފައެވެ. އަދި އިސްލާމީ އެތަށް ޤައުމަކުވަނީ މެކްރޯންގެ ޢަމަލުތަށް ކުށްވެރިކޮށް ބަޔާންތަށްވެސް ނެރެފައެވެ. އަދި މަޢާފަށް ނޭދޭނަމަ ފަރަންސޭސި ކުންފުނިތަށް ބޭރުކޮށްލާނެކަމުގެ އިންޒާރު ބައެއް އިސްލާމީ ޤައުމުތަކުން ދީފައިވާއިރު، ބައެއް ޤައުމުތަކުގެ ވިޔަފާރިވެރިން ދަނީ ފަރަންސޭސި ވިލާތުގެ ބްރޭންޑުތަށް ބޮއިކޮޓް ކުރަމުންނެވެ. މިކަމުގައި ގަލްފުގެ އަރަބި ޤައުމެއް ކަމަށްވާ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ފިޔަވައި އެހެން ހުރިހާ ޤައުމަކުން ފަރަންސޭސި ރައީސް ކުށްވެރި ކުރަމުން ގެންދެއެވެ. ޔޫއޭއީ ގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި ޔޫއޭއީ ގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފަރަންސޭސި ރައީސް ގެ ދިފާޢުގައި ޓްވީޓްތަށް ކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ