ލުބްނާނުގެ ވެރިރަށް ކަމުގައިވާ ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވާ، އެތައް ހާސް ބަޔަކު ޒަޚަމު ވެއްޖެއެވެ.
މިއަދުގެ ވަޤުތެއްގައި ލުބްނާނުގެ މައި ބަނދަރު ކަމަށްވާ މަރުފައު ބައިރޫތު (ނުވަތަ ޕޯޓު ބައިރޫތުގައި) ހިނގައިދިޔަ މިބާރުގަދަ ގޮވުމުގައި މިހާތަނަށް މިގޮވުމުގައި 73 ފަރާތެއްވަނީ އަވަހާރަވެފައިވާއިރު، 3500 ފަރާތަކަށްވަނީ އަނިޔާވެފައިވާ ކަމަށް ޢަރަބި އަދި ބައިނަލް އަޤްވާމީ ނޫސް އޭޖެންސީތަކުން ވަނީ ޚަބަރު ދެއްވާފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ލުބްނާނުގެ ދީމުޤްރާޠީ ނަޞާރާއިންގެ ސިޔާސީ ޕާޓީކަމުގައިވާ ޙިޒްބުލް ކަތާއިބުގެ އަމީން ޢާއްމު، ނިޒާރު ނަޖާރިއާނު ވެސް ވަނީ މަރުވެފައެވެ.
ލުބްނާނުގެ ޞިއްޙީ ވުޒާރާއިން، ރައްޔިތުންގެ ގާތުގައިވަނީ އެއްމެ ގާތުގައި ހުރި ވޮލަންޓިޔާ ކުރެވޭ މަރުކަޒެއްގައި ވޮލަންޓިޔާ ކުރުމަށް އެދިލައްވާފައެވެ. މިގޮވުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، ޒަޚަމުވެ، މޫނުމަތިން ލޭ އޮހޮރެމުންދާ މީހުންނަށްވެސް ފަރުވާ ނުދެވި ވަނީ ފޮނުވާލެވިފައެވެ. މޮގޮތުން ލުބްނާނުގެ ހޮޓަލް ޑިޔު ހޮސްޕިޓަލުން ވިދާޅުވާ ގޮތުގައި އެހޮސްޕިޓަލުން މިހާރު ދަނީ 500 އަށްވުރެ ގިނަ ފަރާތްތަކަށް ފަރުވާ ދެމުންކަމަށާއި، އިތުރު ފަރާތްތަކަށް ފަރުވާ ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.
މިގޮވުމުގެ ބާރުގަދަ ކަމުގެ ސަބަބުން 240 ކިލޯމީޓަރު ދުރުގައިވާ ސައިޕްރަސްގެ ޖަޒީރާ ރަށަކަށްވެސް ގޮވުމުގެ އަޑު އިވުނުކަމަށް ސައިޕްރަސްގެ ޚަބަރުތަކުން ބުނެއެވެ. މީސްމީޑީޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުގައި ޢިމާރާތެއްގައި ރޯވެ އަނދަމުންދާ ވަރުގަދަ އަލިފާންގަނޑަކުން ދުން އަރާތަން ފެނެއެވެ. އެއަށްފަހު ބާރުގަދަ ގޮވުމެއް ގޮވާ، މުޅި ސަރަޙައްދަށް މަޝްރޫމް ކްލައުޑުގެ ދުންގަނޑެއް ފެތުރިގަންނަ މަންޒަރު ފެނެއެވެ.
"އަހަރެންނަށް އަލިފާންގަނޑު ފެނުނު، އެކަމަކު އެތަން ގޮވަން އުޅޭ ކަމެއް ނޭނގެ. އަހަރެމެން (ކާރު) އެތެރެއަށް ވަނިން. ދެން ކުއްލިއަކަށް އަހަރެންގެ އިވުން ގެއްލުނު. އެއީ (އެގޮވުމާއި) މާކައިރީގައި ހުރެވުނީމަ. މަދު ސިކުންތުކޮޅެއް ވަންދެން އަޑުއިވުން ގެއްލުނު. އަހަރެންނަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނު. ދެން ކުއްލިއަކަށް މުޅި ކާރު ތެރެއަށާއި، ވަށައިގެންވާ ކާރުތައް ތެރެއަށާއި، ފިހާރަތަކާއި، ޢިމާރާތްތައް ތެރެއަށް ބިއްލޫރިތައް ތަޅާއިގެން ދިޔަ." މަންޡަރު ދުށް ފަރާތެއްކަމަށްވާ ހާދީ ނަޞްރު ﷲ ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. "މިގޮވުމުގެ ބާރުގަދަކަމުގެ ސަބަބުން ޢިމާރާތްތަކުގެ ތަކުގެ ބެލްކަނީތައްވެސް ވެއްޓި، އުސް ބިލްޑިންގްތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް މަގުމައްޗަށް ވެރުނު" އެހެން ފަރާތްތަކުން މަޢުލޫމާތު ދެއްވިއެވެ. "މުޅި ސަރަޙައްދުގެ ހުރިހާ ކުޑަދޮރުތަކެއްވަނީ ތެޅިފައި،ވަށައިގެން ފެންނަނީ ޒަޚަމު ވެފައިވާ މީހުން ހިނގާތަން."
މިހާތަނަށް މިގޮވުން ގޮވާފައިވާ ސަބަބު އަދި ދެނެގަނެވިފައެއްނުވެއެވެ. ބައެއް ފަރާތްތަކުން މިއީ އިސްރާއީލުގެ ޙަމަލާއެއްކަމަށް ބުނަމުން ދާއިރު، އަނެއްބައި ފަރާތްތަކުން މިގޮވުން ގޮވާފައިވަނީ ޙިޒްބު ﷲ ގެ ހަތިޔާރު ގުދަނެއްކަމުގައި ބުނެއެވެ. މިދެފަރާތުންވެސް ވަނީ މިދަޢުވާތައް ދޮގުކޮށްފައެވެ. އަދި ހަމަ އެފަދައިން ލުބްނާނުގެ އަމަން ބަލަހައްޓަވާ މުއައްސަސާތަކުންވެސް މިގޮވުމަކީ ޤަޞްދުގައި ދެވިފައިވާ ޙަމަލާއެއް ނޫންކަމަށާއި، ހިނގި ހިތާމަވެރި ޙާދިޘާއެއްކަމަށްވަނީ ޞިފަ ކުރައްވާފައެވެ.
ލުބްނާނުގެ ދާޚިލީ މިނިސްޓަރު މުޙައްމަދު ފަހުމީ ވިދާޅުވާ ގޮތުގައި މިގޮވުމަކީ ބައިރޫތުގެ ބަނދަރުގައި ހުިރ ގުދަނެއްގައި ރައްކާކޮށްފައި ހުރި ގޮވާ ތަކެތީގެ ސަބަބުން ދިމާވި ޙަދިޘައެއްކަމަށް ބެލެވޭ ކަމަށެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ސެކިއުރިޓީ ޗީފް ޢައްބާސް އިބްރާހީމުގެ ވާހަކަފުޅުގައި ވިދާޅުވާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން (މީހުންގެ އަތުން) އަތުލެވިފައިވާ ތަކެތި ރައްކާކޮށްފައިވާ ގުދަނެއް (މިބަނދަރުގައި) ވާކަމަށް ބެލެވޭ ކަމަށާއި، އަދި އެރައްކާކުރެވިފައިވާ ތަކެއްޗަކީ ގޮވާ ތަކެތިކަމަށް ބެލެވޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚިޔާލު