އިސްރާއީލުން ފަލަސްޠިނުގެ ބިން ރަސްމީކޮށް މިލްކުކުރުމަށް ކުރެވިފައިވާ (އެނެކްސޭޝަން ޕްލޭންގެ) ރޭވުންތަކަކީ ކުރެވިފައިވާ ހަނގުރާމައިގެ އިޢުލާނެއްކަމަށް ފަތަޙްގެ ލީޑަރު ޖިބްރީލް ރަޖޫބު ވިދާޅުވެއްޖެއެވެ.
ފަތަޙް ޖަމާޢަތުގެ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ޖިބްރީލް ރަޖޫބު ވިދާޅުވެފައިވާ ގޮތުގައި މިރޭވުންތަކުގެ ސަބަބުން އިސްރާއީލާއި މުޢާމަލާތް ކުރެވިގެންދާނޭ ހުރިހާ ގޮތްތަކެއް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން އޭނާ އަލްމަޔާދީން ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މިކަމާއި ވިދިގެން ޙަމާސް ޖަމާޢަތާއި، ފަތަޙް ޖަމާޢަތުންވަނީ ދެޖަމާޢަތުގެ ބައިބައިވުން ދޫކޮށްލައްވާ، "މިޤަރުނުގެ ޑީލް" ގެ ނަމުގައި އެމެރިކާގެ ވެރިޔާ ޑޮނަލްޑް ޓްރަމްޕް ހަދާފައިވާ ޞުލްޙަ ނާމާއާއި، ފަލަސްޠީނުގެ ބިން ރަސްމީކޮށް ވެރިކުރުމުގެ ރޭވުންތަކާއި އިދިކޮޅަށް މަސައްކަތް ފައްޓަވާފައެވެ.
ރަޖަބު ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ހަފްތާގައި އޭނާ (ފަތަޙް ޖަމާޢަތުގެ ފަރާތުން) ޙަމާސް ޖަމާޢަތުގެ ޞާލިޙް އަލްޢާރޫރީއާއި ބައްދަލުކުރެއްވުމުން އިސްރާއީލުގެ ސަރުކާރުންވަނީ އެކަން ފާހަގަކޮށް، އެކަމާއި ރުޅި އައިސްފައެވެ.
"ފަލަސްޠީނުގެ ވެރިންނާއި، ފެކްޝަންތަކުން ބޭނުންވަނީ، އިސްރާއީލުގެ މިބިރު، ބައިނަލްއަޤްވާމީ ޤައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ބޭނުންކުރަން. މިވަޤުތު ބައިނަލް އަޤްވާމީ ފަރާތްތަކުން ވަނީ އަޅުގަނޑުމެންނާއި އެކު." އޭނާ ވިދާޅުވިއެވެ.
މިއާއި އެކު ރަޖޫބް ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ރަސްމީކޮށް މިލްކުކުރުމުގެ ރޭޥުމުގައި ކުރިއަށް ގޮސްފިނަމަ، އެބައިމީހުންނާއި މެދު ޢަމަލު ކުރާނީ ޢަދުއްވުންނާއި މެދު ޢަމަލު ކުރާ ފަދައިންނެވެ.
ރަޖޫބް ވަނީ އިސްރާއީލާއި އިދިކޮޅަށް ކުރެވޭ ހަނގުރާމައިގައި ޙަމާސް އަކީ އެކުގައިވާ ފުރިހަމަ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ފަލަސްޠިނުގެ ޖަމާޢަތްތަކަށް ގޮވާލަނީ ފަތަޙް އާއި ޙަމާސް އާއި ދެމެދު މިވެވުނު އެއްބަސްވުމަކީ އިސްރާއީލުގެ އިސްތިޢުމާރާއި އިދިކޮޅަށް ތެދުވެ، ފަލަސްޠީނުގެ ދައުލަތެއް ބިނާ ކުރުމަށް، އެކުއެކީގައި ކުރެވޭ ތާރީޚީ ޖިހާދެއްކަމަށް ބެލުމަށް. އަޅުގަނޑުމެންނަށް އިސްރާއީލް ފިޔަވާ އެހެން ޢަދުއްވަކު ނުވޭ." އޭނާ ވިދާޅުވެފައިވެއެވެ.
ޚިޔާލު