އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްޠީނުގެ 95% ޤައިދީންނަށް ދަނީ އަނިޔާކުރެވެމުންކަމަށް، ފަލަސްޠިނުގެ ޕެލަސްޓީނިއަން ޕްރިޒަނާރޒް ސޮސައިޓީ (ނާދީ އަލްއަސީރު) އިން ވިދާޅުވެއްޖެއެވެ.
ޖޫން 26 ގައި ފާހަގަ ކުރެވެމުންދާ ބައިނަލް އަޤްވާމީ އަނިޔާ ލިބިފައިވާ މީހުންނަށް ސަޕޯޓުކުރުމުގެ ދުވަހާއި ވިދިގެން ފަލަސްޠީނުގެ ޤައިދީންނާއިބެހޭ ސޮސައިޓީއިން ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި އިސްރާއީލުން، ފަލަސްޠީނުގެ ޤައިދީންނަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަނިޔާކުރުމަށް އެކި އެކި އުސޫލުތައް ބޭނުންކުރެއެވެ. އަދި މިކަންކަން ކުރިއަށް ދަނީ އަނިޔާވެރިކަމުގެ ނިޒާމީ ސިސްޓަމެއްގެ ދަށުންކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.
"ޤައިދީން ނިދިޔަ ނުދީ މެދުކެނޑުމެއްނެތި 20 ގަޑިއިރުވަންދެން ތަޙްޤީޤުކޮށް ސުވާލު ކުރެވެމުންދޭ، ... އަދި މިކަމުގެ ސަބަބުން އެބައިމީހުންގެ އަތުގެ ލޭގެ ހިނގުމަށް ބުރު އަރާ، މީގެ އިތުރުން އެބައިމީހުންގެ ބޮލުގައި ހަޑިވެފައިވާ ކޮތަޅު އަޅުވާ، އަނގަބަހުން ހުތުރު އެއްޗިހި ކިޔާ، ޖަހާ ތަޅާ، ކޮޅުފައިން ޖަހާ" މިރިޕޯޓުގައި ލިޔުއްވާފައިވެއެވެ.
އިސްރާއީލުގެ ސަރުކާރުން، ޤައިދީންނަށް އާއިލާއަށް ޖިންސީ ގޯނާކުރާނެ ކަމަށް ނުވަތަ މަރާލާނެކަމަށް، ގެތައް ފުނޑާލާނެކަމަށްވެސް ބިރުދައްކާކަމަށް ވަނީ ހާމަވެފައެވެ.
1999 ގައި އިސްރާއީލުގެ ހައިކޯޓުން ނިންމި ނިންމުމަކާއި ވިދިގެން ފަލަސްޠީނުގެ ޤައިދީންނަށް އަނިޔާކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. މިނިންމުމުގައިވާ ގޮތުން އިސްރާއީލު ސިފައިން، ދިފާޢީކަމެއްގެ ގޮތުން، ތަޙްޤީޤު ކުރާއިރު، އަދި ޤައިދީއަކީ "ދެންމެ ދެންމެ ގޮވާފާނެ ބޮމެއްފަދަ" މީހަކަށްވާނަމަ، އަނިޔާވެރިކަމުގެ ގޮތުގައި މެނުވީ ޞިފަ ނުކުރެވޭނެފަދަ އުޞޫލުތައް ގެންގުޅުން ހުއްދައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ކުރެވުނު އަނިޔާތަކުގެ ސަބަބުން، ފަލަސްޠިނުގެ ފިރިހެނަކުވަނީ ފެއިލްވެފައިވާ ކިޑްނީއަކާއި، ބިނދިފައިވާ 11 އަރިކަށިގަނޑާއި އެކު ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައެވެ. ދެވަނަ މީހަކު ވީލްޗެއާގައި ޝަރީޢަތަށް ޙާޟިރު ކުރެވުނުއިރު، އަނބިމީހާއަށްވެސް ވަކިކުރަން ނޭނގޭވަރަށް ހުރީ އަނިޔާކޮށްފައެވެ.
ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުންވަނީ އިސްރާއީލުން ޤައިދީންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އދ އަށް ގޮވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...