އަރަބިދުނިޔެދުނިޔެ

ސަޢުދީ ޢަރަބިއްޔާއިން ޙައްޖާޖީން ރެޖިސްޓަރ ކުރުމަށް ހުޅުވާލައްވައިފި؛ 70% އަކީ ސަޢޫދީއިން ބޭރު ރައްޔިތުން

Saudi Arabiain Hajjajin Register Kurehvumah Hulhuvaalavvaifi; 70% aky Saudi in Beyru Rayyithun

މިހޯމަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ރަޖިސްޓަރ ކުރުމަށް ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މިއަހަރު ކޯވިޑް 19 އާއި ވިދިގެން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކަނޑައަޅުއްވާފައިވަނީ އެޤައުމުގައި ތިއްބެވި އެކި ޤައުމުތަކުގެ ބޭފުޅުންނާއިއެކު ޙައްޖުގެ މާތް އަޅުކަން ކުރިއަށް ގެންދެވުމަށެވެ. މިގޮތުން މިއަހަރު، ގައިދުރުކޮށްގެން ސަލާމަތްތެރިކަމާއިއެކު ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ނިންމަވާފައިވަނީ ހަމައެކަނި 10000 ޙައްޖާޖީންނަށް އެފުރުޞަތު ހުޅުވާލެއްވުމަށެވެ.

މިނިސްޓްރީ އޮފް ޙައްޖުން އިޢުލާން ކުރައްވާފައިވާ ގޮތުގައި މި 10000 ޙައްޖާޖީންގެ ތެރެއިން 70% ޙައްޖާޖީންވާނީ އިރާދަކުރެއްވިއްޔާ ސަޢުދީއިން ބޭރުގެ ޤައުމުތަކަށް ނިސްބަތްވާ ފަރާތަށެވެ. އަދި ބާކީ 30% ޚާއްޞަ ކުރެވިފައިވާނީ ސަޢުދީ ޢަރަބިއްޔާގެ މުވާޠިނުންނަށެވެ.

މިއަހަރުގެ ޙައްޖުގައި އެއްމެ ބޮޑު ސަމާލުކަމެއް ދެވިގެންދާނީ ޙައްޖާޖީންނަށް ގެއްލުން ނުވާނޭފަދަ ގޮތަކަށް އަޅުކަންތައް ކުރިއަށް ގެންދިޔުމަށްކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިގޮތުން، ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން ޙައްޖުކުރެވޭނީ ކޯވިޑް 19 ޖެހުމަށްފަހު ޝިފާ ލިބިފައިވާ ޞިއްޙީ ދާއިރާގައި، އަދި ސެކިއުރިޓީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށްކަމަށް، ހައްޖު މިނިސްޓްރީއާއި ޙަވާލާ ދެއްވާ ސަޢުދީގެ ނޫސް ފަތުރާ އޭޖެންސީތަކުން ވިދާޅުވެއެވެ.

ޙައްޖު މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނުގައި އެބޭފުޅުން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ސަޢުދީގައި ތިއްބެވި، އެހެން ޤައުމުތަކުގެ މުވާޠިނުންނަށް މިހޯމަ ދުވަހުން ފެށިގެން ޖުލައި 10 އެއްވާ ހުކުރު ދުވަހާއި ހަމައަށް localhaj.haj.gov.sa އިން ޙައްޖަށް ދިޔުމަށް އެދި ރަޖިސްޓްރީ ކުރެއްވޭނެއެވެ. އަދި އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޙައްޖަށް ވަޑައިގަތުމަށް ފުރުބަތު އެރުވޭ ފަރާތްތަކުގެ ނަން، އަންނަ އާދިއްތަ ދުވަހު އިޢުލާން ކުރެއްވޭނެއެވެ. މިގޮތުން މިފުރުޞަތަށް އެދި ހުށައެޅުއްވޭނީ ދާއިމީ ބައްޔަކަށް ބޭސް ނުކުރައްވާ، 20 އަހަރާއި 50 އަހަރާއި ދެމެދުގެ ބޭފުޅުންނަށެވެ. މިފުރުޞަތަށް އެދިލައްވާ ފަރާތްތަކުން، ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރާއި، ހިތުގެ ބަލިތަކާއި، ނޭވާ ލުމުގެ ބަލިތައް ނެތްކަމަށް އިޤްރާރުވެލައްވާ، އަދި ކޯވިޑް 19 ގެ ބަލި އަދި އޭގެ ޢަލާމަތްތަކުގެ ތެރެއިން ޢަލާމަތެއްވެސް ނެތްކަމަށް އެއްބަސްވެވަޑައިގަންނަވަން ޖެހިލައްވާނެއެވެ.

މީގެ އިތުރުން ހައްޖު މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، ހުށައެޅިފައިވާ މަޢުލޫމާތުތަކުގައި ތަޢާރުޟުވުންފަދަ ކަމެއްވާނަމަ، ނުވަތަ ކަނޑައެޅިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ނުހިތާނަމަ، ޙައްޖަށް އެދި ހުށައެޅިފައިވާ ފޯރމު ބާޠިލު ކުރެއްވުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި ޙައްޖު ފޯރމު ހުށައެޅުއްވުން އެއީ ޙައްޖަށް އެދިލެއްވުމުގެ ފުރަތަމަ ފިޔަވަޅުކަމަށާއި، ހައްޖަށް ރެޖިސްޓަރ ކުރެއްވުން ފައިނަލް ވެގެންދާނީ، ޙައްޖަށް އެދިލެއްވި ފަރާތް ޞިއްޙި އަދި އެހެނިހެން ޤަވާޢިދުތަކަށް ފެތޭނަމައެވެ. މިގޮތުން ޙައްޖަށް ރެޖިސްޓަރ ކުރެއްވުމަށް އދިލައްވާފައިވާ ފޯރމުގެ ނަތީޖާ ލިބިވަޑައިގަންނަވާނީ ޙައްޖު ފޯރމުގައި ހިމަނުއްވާފައިވާ ނަންބަރަށް ލިބޭ ޓެކްސްޓު މެސެޖަކުން ކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *