ފަލަސްޠިނުގެ ދަށުގައިވާ ބިންތަކަށް އިސްރާއީލު ބޮޑުކޮށް، ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ސިޔާސަތަކީ ހަނގުރާމައިގެ ކުށެއްކަމަށް ޢަރަބި ލީގުން ވިދާޅުވެއްޖެއެވެ.
ފަލަސްޠިނުގެ ތާރީޚުގައި ޖޫން 5 އެއްގައި ފާހަގަ ކުރެވޭ އައްނަކްސާ ދުވަހުގެ މުނާސަބާތުގައި 22 ޢަރަބި ޤައުމަކުން އުފެދިފައިވާ އަލްޖާމިޢަތުލް ޢަރަބިއްޔާއިން (ނުވަތަ ޢަރަބި ލީގުން) ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފައްދާ، އަލްޤުދުސް އެއީ އެޤައުމުގެ ވެރިރަށެއް ކަމުގައި ހެދުމަކީ ޢަރަބީންގެ މައިގަނޑު ގޯލެވެ. އަދި މިލަނޑުދަނޑި ޙަޤީޤަތަކަށް ނުހެދިއްޖެނަމަ މިސަރަޙައްދުގައި އަމަން އަމާންކަން ހިފެހެއްޓުމަކީ މުސްތަޙީލު ކަމަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން ޢަރަބި ލީގުންވަނީ އެމެރިކާގެ ކުރީގެ ރައީސުން ތަރުޙީބު ނުދޭ މިންވަރަށް، ޓެލް އެވިވްގެ އިސްރާއީލީންގެ ވެރިކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕު ތަރުޙިބުދީފައިވާތީ އާއި، އިސްރާއީލު ސަރުކާރުން ފަލަސްޠީނުގެ ބިންތައް ހިފާ، ރައްޔިތުންނަށް އަނިޔާކުރާއިރު އެކަމަށް ފިޔަވަޅު ނާޅާތީ އެމެރިކާގެ ވެރިކަމަށްވެސް ފާޑު ވިދާޅުވެފައެވެ.
މިކަމާއި ވިދިގެން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޕެލަސްޓިނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓިގެ ސެކްރެޓަރީ ޖެނެރަލް ޞާއިބު ޢަރީޤާތުވެސް ވަނީ އަމާންކަމަށް ލޯބިކުރާ ހުރިހާ ޤައުމުތަކެއްވެސް ފަލަސްޠިނުގެ ބިންތަކަށް އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމަށް އެއްބަސްވާނޭކަމަށް ވިދާޅުވެފައެވެ. ޞާއިބު ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ކުރާ އަނިޔާތައް ހުއްޓުވުމަކީ ބައިނަލްއަޤްވާމީ މަސްއޫލިއްޔަތެކެވެ.
"އަޅުގަނޑުމެން މިދަނީ ފަލަސްޠިނުގެ ރައްޔިތުންނާއި އިދިކޮޅަށް ކުރެވެމުންދާ އެންމެހާ އަނިޔާތައް ރިކޯޑުކުރަމުން. އަޅުގަނޑުމެންނަށް އަދި ނަޞްރު ލިބޭނެ." އޭނާ ވިދާޅުވެފައިވެއެވެ.
މެއި 17 ގައި އިތުރު ދައުރަކަށް ހުވާކޮށްފައިވާ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ވަނީ ޖުލައި 1 ގައި، ފަލަސްޠީނުގެ ދަށުގައިވާ ބިންތައް ކަމަށްވާ އުރްދުން ވާދީއާއި ހުޅަނގު އައްސޭރިއަށް އިސްރާއީލު ބޮޑުކުރުމަށް މަޝްވަރާކުރުމަށް ކެބިނެޓު ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައެވެ.
މީގެ ރައްދެއްގެ ގޮތުން ފަލަސްޠިނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ އިސްރާއީލާއި ދެމެދު ވެވިފައިވާ އެންމެހާ ޞުލްޙައިގެ އެއްބަސްވުން އުވާލައްވައިފިކަން އިއުލާން ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...