ސަޢުދީ ޢަރަބިއްޔާއިން ކޯވިޑް 19 އަށް އެއްލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން 3045 ފަރާތަކަށް އަލަށް ކޯވިޑް ޖެހުނުކަން އިއުލާން ކުރައްވުމާއި ވިިދިގެން ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް 19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 101914 އަށް އަރާފައިވާ އިރު 714 ފަރާތެއްވަނީ މިބަލީގައި އަވަހާރަވެފައެވެ.
ސަޢުދީ ޢަރަބިއްޔާގައި ފުރަތަމަ ފަހަރަށް ކޯވިޑް 19 ގެ ކޭހެއް ރިޕޯޓު ކުރެވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުއެވެ. މިގޮތުން އޭޕްރިލް މަހު އެޤައުމުގެ ޞިއްޙީ އިދާރާތަކުން ލަފާ ކުރައްވާފައިވާ ގޮތުގައި އެޤައުމު މީހުންނަށް 1 ލައްކައާއި 2 ލައްކައާއި ދެމެދުގެ ޢަދަދަކަށް ކޮރޯނާ ޖެހޭނެއެވެ. ގަލްފް ކޯރޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތަކުގެ ތެރެއިން އެއްމެ ބޮޑަށް ކޯވިޑް 19 ފެތުރިފައިވަނީ ސަޢޫދީ ޢަރަބިއްޔާގައެވެ.
ސަޢޫދީ ޢަރަބިއްޔާއިން އެއްމެ ގިނައިން ކޯވިޑް 19 ގެ ކޭސްތައް ރިޕޯޓު ކުރެވިފައިވަނީ 746 ކޭސްއާއި އެކު ވެރި ރަށް ރިޔާޟުންނެވެ. މީގެ އިތުރުން ޖިއްދާގެ 577 ފަރާތަކަށް ކޯވިޑް 19 ޖެހިފައިވާ އިރު، މައްކާގެ 376 ފަރާތަކަށް މިބަލި ޖެހިފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއިން މިހާރު ދަނީ ކޯވިޑް 19 ފެތުރޭ މިންވަރު މަދު ކުރުމަށްޓަކައި އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން މިހާތަނަށް ސަޢޫދީގެ 71 މިސްކިތެއް އަނެއްކާވެސް ބަންދު ކުރެވިފައިވާ ކަމަށް ނޫސް އޭޖެންސީތަކުން ރިޕޯޓު ކުރައްވައެވެ.
ދުނިޔޭގައި މިހާތަނަށް މިބައްޔަށް 7،033،333 މީހުން ޕޮޒިޓިވް ވެފައިވާއިރު ސަޢޫދީ ޢަރަބިއާ އަކީ ޢަރަބި ގައުމުތަކުގެ ތެރެއިން އެންމެ ގިނަމީހުން މިބައްޔަށް ޕޮޒިޓިވްވި ގައުމެވެ.
ޚިޔާލު