އިސްރާއީލުގެ ފުލުހުން ފަލަސްޠީނުގެ އޯޓިސްޓިކު ޒުވާނެއް ޝަހީދު ކޮށްލައިފިއެވެ.
އުމުރުން 32 އަހަރުގެ އިޔާދު އަލްޙައްލާޤުގެ ޢާއިލާއިން މަޢުލޫމާތު ދެއްވާ ގޮތުގައި އިޔާދު ޝަހީދު ކޮށްލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، އޭނާ ތަޢުލީމު ޙާޞިލު ކުރަމުން ގެންދަވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ސްކޫލަކަށް ވަޑައިގަންނަވަނިކޮށެވެ. އަދި އަލްޙައްލާޤު ޝަހީދު ކޮށްލުމަށްފަހު، އޭނާއަކީ ޓެރަރިސްޓެއް ކަމަށް ބަލާ އޭނާގެ ގެއަށް ވަދެ، ގެ ފާސް ކޮށްފައިވެއެވެ. ޙައްލާޤުގެ ބައްޕަ އަލްޚައިރީ ވިދާޅުވާ ގޮތުގައި އެގެ ފާސް ކުރުމުގެ ތެރޭގައި އަލްޙައްލާޤުގެ އުޚުތު އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރެއްވުމުން ފުލުހުންވަނީ އޭނާއަށް ހުތުރު ބަސް ރައްދުކޮށްފައެވެ.
އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި އެމީހުންނަށް ހޮނިހިރު ދުވަހު "ހަތިޔާރެއްކަމަށް ޝައްކު ކުރެވޭ" އެއްޗެއް ހިފައިގެން ހުރި މީހަކު ފެނުމުން، އެމީހާގެ ގާތުން ހުއްޓުމަށް އެދުނެވެ. އެހެނަސް އޭނާ ނުހުއްޓުމުން، ހަތިޔާރުގެ ބޭނުންކޮށް އޭނާގެ ފަޔަށް ބަޑިޖެހާ، ބެދިފައިވާ މަގަކަށް އޭނާގެ ފަހަތުން ދިޔައެވެ. އެހިސާބުން ސީނިޔާ އޮފިސަރު ހަތިޔާރު ބެހެއްޓުމަށް އަމުރު ކުރުމުންވެސް ދެވަނަ އޮފިސަރު އަލްޙައްލާޤުގެ ގަޔަށް ބަޑިޖެހީއެވެ. ފުލުހުންގެ ރިޕޯޓުތައް ބުނާ ގޮތުގައި އެމް16 ގެ ރައިފަލަކުން 6 ނުވަތަ 7 ވަޒަން އަލްޙައްލާޤާއި ދިމާއަށް ޖަހާފައިވެއެވެ. އަދި މިދެ ފުލުހުންވެސް ވަނީ މިހާރު ހައްޔަރުކޮށް މިކަމާއިމެދު ސުވާލު ކުރެވިފައެވެ. އެހެނަސް އެއިން އެއްވެސް ފުލުހަކަށް އަދަބު ދެވިފައިވާ ކަމެއް އަދި މިހާތަނަށް އެނގިފައެއްނުވެއެވެ.
އިޔާދުގެ ބޮޑުބޭބެ ވިދާޅުވާ ގޮތުގައި "އިޔާދަކީ އެހެންމީހުންނަށް އެހީތެރިވާ، އެހެންމީހުންނަށް އަޅާލާ މަޢުޞޫމު މީހެއް... އޭނާއަކީ ޖަނަވާރުންނަށްވެސް ލޯބިކުރާ، ޢަޠަރުލުމަށް ލޯބިކުރާ، ގަސްގަހާގެއްސަށް ލޯބިކުރާ" މީހެކެވެ. "އަހަރެމެން ބޭނުންވަނީ އިންޞާފު" އޭނާ ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން އަލްޙައްލާޤުގެ ރަށް، ފަލަސްޠީނުގެ އަލްޤުދުސްގައި މިހާރު ދަނީ މުޒާހަރާތައް ކުރެވެމުންނެވެ.
ޚިޔާލު