މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަށްފަހު ތުރުކީ ދައުލަތުގެ ހިންގުން ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. މިދިޔަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ނިޒާމަކަށް ވޯޓުލީ 51 އިންސައްތަ މީހުންވަނީ އާނބަސް ބުނެފައެވެ. މިއާއެކު ސަރުކާރުގެ ހިންގުމަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ.
ރައީސަށް އިތުރު ބާރުތަކާއި މަސްޢޫލިއްޔަތުތަކެއް
އިންތިހާބަށްފަހު ރައީސްކަމަށް އިންތިހާބުވާ މީހަކަށް އިތުރު ބާރުތަކަކާއި މަސްޢޫލިއްޔަތުތަކެއްވެސް ކޮނޑުގައި އަޅަންޖެހޭނެއެވެ. ބަރުލަމާނީ ނިޒާމުގައި ރައީސަކަށް ހުންނަމީހަކީ ރަމްޒީ މަޤާމެއް ކަމުގައިވީނަމަވެސް އިންތިހާބަށްފަހު މިކަން ބަދަލުވެގެންދާނެއެވެ.
އެގޮތުން ސަރުކާރު ހިންގުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން 6 މަސްދުވަހަށްވުރެ އިތުރުނުވާނެހެން ޤައުމުގައި ކުއްލި ހާލަތު އިޢުލާނު ކުރުމުގެ ބާރު ލިބިގެންދާނެއެވެ.
ހަމައެހެންމެ ޤާނޫނުން އެކަމެއްގައި ވަކި ގޮތެއް ކަނޑައަޅަފައިނުވާ ކަންކަމަށް ރައީސްއަށް ޤަރާރު ނެރެވިއެއަށް އަމަލުކުރެވޭނެއެވެ. އެހެންނަމަވެސް ޤާނޫނު ހަދާ މަޖްލީހުން އެކަމާއި ގުޅެގޮތުން ޤާނޫނެއް ފާސްކޮށްފިނަމަ ރައީސްގެ ޤަރާރު ބާޠިލްވާނެއެވެ. އަދި ރައީސްގެ ޤަރާރު ރިވިއުއަށް ހުށަހެޅުމުގެ ފުރުޞަތު އައުނިޒާމާއެކު ޤާނޫނު ހަދާ މަޖްލިސްއަށް ލިބިގެންދާނެއެވެ.
ކުރިން ޤާނޫނުހަދާ މަޖްލިސްއިން ކުރަމުންއައި ބަޖެޓުގެ މަސައްކަތް އިންތިހާބަށްފަހު ކުރަމުންގެންދާނީ ސަރުކާރުންނެވެ. އަދި ސަރުކާރުން ބަޖެޓް ތައްޔާރުކުރުމަށްފަހު ޤަނޫނު ހަދާ މަޖްލިސްއަށް ފޮނުވަންޖެހޭނެއެވެ.
ބޮޑުވަޒީރުގެ މަޤާމްއުވާލާ ނައިބް ރައީސެއް
ރިޔާސީ ނިޒާމާއެކު ބޮޑުވަޒީރު މަޤާމް އުވިގެންދާނެއެވެ. އަދި މިއާއެކު ދެން އުފެދިގެންދާނީ ނައިބް ރައީސްގެ މަޤާމެވެ.
މިއާއެކު ނައިބް ރައީސްއާއި ކެބިނެޓް މިނިސްޓަރުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިގެންދާނެއެވެ. އަދި ޔުނިވަރސިޓީތަކާއި އެހެންވެސް ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ ކަންކަން މޮނިޓަރކުރުމަށް ޤާނޫނުހަދާ މަޖްލިސްއަށް އޮތްބާރު ނެތިގެންދާނެ
އިންތިހާބަށްފަހު އަލަށް ހޮވޭ ޤާނޫނު ހަދާ މަޖްލިސް މެމްބަރުންނަށް ސަރުކާރުގެ ކެންނެޓްގެ މިނިސްޓަރުންގެ ކަންކަން މޮނިޓަކުރުމަށް އޮތްބާރު ނެތިގެންދާނެއެވެ.
މިފަހަރު އިންތިހާބުގައި ޤާނޫނު ހަދާ މަޖްލިސްއަށް 600 ގޮނޑިއަށް މީހުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާއިރު މަޖްލިސްއަށް ކުރިމަތިލެވޭ އުމުރުވަނީ 25 އަހަރުން 18 އަހަރަށް ދަށްކޮށްފައެވެ. ކުރިން މަޖްލިސްއަށް ހޮވަނީ 550 މެމްބަރުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...