ދުނިޔެ

ލަންކާއަށް ޢީދުވީ ހޮނިހިރު ދުވަހު

އިސްލާމީ ގިނަ ޤައުމުތަކަކަށް މިދިޔަ ހުކުރު ދުވަހަކީ ފިޠުރު ޢީދު ދުވަސް ކަމުގައި ވިޔަސް ސްރީލަންކާއަށް ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީ ލަންކާއަށް ޢީދު ކަމުގައި ކަނޑައަޅާފައިވަނީ އިއްޔެއެވެ.

އެގޮތުން ހަނދާ ގުޅޭގޮތުން ކޮލަމްބޯގައި ހުންނަ މަސްޖިދުލް ކަބީރާއި ހަވާލާދީ އޭސިއަން ޓްރައިބިއުންއިން ބުނެފައިވަނީ މަސްޖިދުލް ކަބީރުން ނިންމާފައިވަނީ ޝައްވާލުމަހުގެ އެއްވަނަ ދުވަހަކީ ޖޫން 16ވީ ހޮނިހިރު ދުވަސް ކަމުގައެވެ.

އިސްލާމީ ބޮޑެތި ޤައުމުތަކަށް ވުރެ ފަހުން ރޯދަ ހިފަންފެށި ލަންކާ އަދި ބަންގްލަދޭޝް ތަންތަނަށް  ބުރާސްފަތި ދުވަހާއި ހަމައަށް ހިފުނީ 28 ރޯދައެވެ. އަދި ޝައްވާލު މަހުގެ ހަނދާއި ގުޅޭގޮތުން ގޮތެއް ނިންމާފައި މިވަނީ ހުކުރު ދުވަހު 29 ރޯދަ ހަމަ ކުރުމަށްފަހުގައެވެ.

ލަންކާއިން ރާއްޖެއަށްވުރެ ފަހުން ރޯދަ ހިފަންފެށި ކަމުގައިވީނަމަވެސް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުގެ ލަފަޔާއެކު ލަންކާގައި ދިރިއުޅޭ މުސްލިމުންވަނީ 28 ރޯދަ ހިފުމަށްފަހު ޢީދު ކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓަރގެ ލަފާގައިވަނީ 28 ރޯދަ ހިފައި، ހުކުރުދުވަހު ފިތުރު އީދު ފާހަގަކުރި ދިވެހީން ޝައްވާލު މަހުގެ ކޮންމެވެސް ދުވަހެއްގައި ރަމަޟާން މަހުގެ އެއް ރޯދަ ގަޟާއަށް ހިފުމަށެވެ.

އެހެން ނަމަވެސް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި މިހާރު އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހަނދުމަހުގައި އޮންނާނީ 29 ނުވަތަ 30 ދުވަސް ކަމާއި އެހެން ކަމުން ޝައްވާލު މަހުގެ ހަނދު ނުފެންނަނީސް 28 ރޯދަ ހިފުމަށްފަހު ޢީދު ކުރުން ޞައްހަ ނުވާނެކަމަށާއި ރޯދައިގައި ޢަމަލުކުރަން ޖެހޭނީ އެބަޔަކު ތިބި ތަނެއްގައި ނުވަތަ އެއްބައްރުގައިވާ އެބަޔަކު ރޯދަ ހިފަންފެށި އެޤައުމަކާއި އެކީ ކަމަށެވެ. އަދި މިކަމުގައި ޢަމަލުކުރަންވާނީ އެބަޔަކު ތިބި ޤައުމެއްގެ އިދާރާތަކުގެ ނިންމުމާ އެއްގޮތަށް ކަމަށްވެސް ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ